ރާއްޖޭގައި ބާއްވާ ރަސްމިއްޔާތުތަކާއި ހަފްލާތަކާއި އިވެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާއި ދުފުމާއި ސުޕާރީ ބޭނުން ނުކުރުމަށް އަނގައި ސިއްހަތަށް ދުޅަހެޔޮ ހަރަކާތްތަކެއް އިންތިޒާމް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިނެއް ނެރެފިއެވެ.

އެޗްޕީޢޭއިން ބުނީ، މި ގައިޑްލައިން ހާއްސަވެގެން ވަނީ، ކުޅިވަރު ހަރަކާތްތަކާއި ހިނގާލުމާއި ދުވުމާއި ފެއާތަކާއި މިއުޒިކް ޝޯތަކާއި މުބާރާތްތަކާއި ކްލާސް ޕާޓީތަކުން ފެށިގެން ވޯކްޝޮޕްތަކާއި އާންމުން ހަރަކާތްތައް ފަދަ ހުރިހާ ބާވަތެއްގެ އިވެންޓްތަކަށް ކަމަށެވެ. ހަމައެއާއެކު ކައިވެނީގެ ހަފްލާތަކާއި ޕާޓީތައް ފަދަ އާއިލީ އިވެންޓްތަކަށް ވެސް މި ގައިޑް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ހަފްލާތަކާއި އިވެންޓަތކުގައި ދުންފަތތުގެ އިސްތިއުމާލު ނުކުރުމަށާއި، ދުފުމާއި، ސުޕާރީ އަދި އެންޖީ ޑްރިންކާއި، ޕްރޮސެސްކޮށްފައި ހުންނަ ކާނާއި، ސޮސެޖް ފަދަ އެއްޗެހި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ. ހަމައެއާއެކު ހަފްލާތަކުގައި "ސްމޯކް ބްރޭކް" ދިނުމުގެ ބަދަލުގައި އެކްސަސައިޒް ބްރޭކާއި، ވޯޓާ ބްރޭކް އަދި ނަމާދު ކުރުމަށް ބްރޭކް ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުނެފައި ވެއެވެ.

ތިމާވެށި ސާފުތާހިރުކޮށް ބެހެއްޓުމަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައި އިވްނެޓްތައް ކުރިއަށް ގެންދާ އިރު، ކުނި އަލާނެ ޑަސްޓްބިން ފަދަ ތަކެތި ބެހެއްޓުމަށް މި ގައިޑަލއިންގައި ބުނެފައި ވެއެވެ. އެގޮތުން ޑަސްޓްބިންތައް އެންމެ އެކަށީގެންވާ ތަންތަނުގައި ބަހައްޓައި، ސާފުކޮށް ލޭބަލްކުރުމަށް ވަނީ އަންގާފައެވެ. އިވްނެޓް ކުރިއަށް ގެންދާ ސަރަހައްދު ސާފުތާހިރުކޮށް ބެހެއްޓުމަށާއި، އެކަށީގެންވާ ގޮތެއްގައި ކުނި ނައްތާލުމަށާއި، ބައިވެރިންނާއި އާންމުންނަށް ވެސް އެކަމަށް ހިތްވަރު ދިނުމުގައި ނަމޫނާ ބަޔަކަށް ވުމަށް އިންތިޒާމްކުރާ ފަރާތްތަކަށް އެންގުމަށް ވެސް އެ ގައިޑްލައިންގައި ބުނެފައި ވެއެވެ.

ހަމައެއާއެކު އިވެންޓްތައް ކުރިއަށް ދާ އިރު، ސަލާމާތާއި ރައްކާތެރިކަމަކީ ވެސް ބަލަންޖެހޭ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށް ދިމާވެދާނެ ހާދިސާއަކަށް ރައްކާތެރިވެ، ސަލާމަތީގޮތުން ފިޔަވަޅުއެޅުމަށް ވެސް ވަނީ ބުނެފައެވެ.