ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާގައި 266 މީހުން ޝަހީދު ވެފައި ވާ ކަމަށް ފަލަސްތީންގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވެއްޖެއެވެ.

އަޝްރަފް ވިދާޅުވީ އެމީހުންގެ ތެރޭގައި 117 ކުޑަކުދިން ހިމެނޭ ކަމަށެވެ.

އިޒްރޭލުން ދެމުންދާ ބޮމުގެ ހަމަލާތައް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ރޭ ހާން ޔޫނުސްގެ މަޝްހޫރު ކެފޭއަކާއި ހަލަބޮލި މާރުކޭޓް ސަރަހައްދެއްގައި ހުރި ރެސްޓޯރެންޓަކަށް މީހުން ކާބޯތަކެތި ގަންނަން އުޅުނު ވަގުތުގައި ހަމަލާ ދިނުމުން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ޒަހަމްވެގެން ހޮސްޕިޓަލް ތަކަށް ގެންދިޔަ މީހުން ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާޒާގެ އުތުރުގައި ތިބި އެއް މިލިއަނަށް ވުރެ ގިނަ މީހުން، އެމީހުންގެ ސަލާމަތަށްޓަކައި ދެކުނަށް ދިއުމަށް އިޒްރޭލުން އިންޒާރު ދީފައިވާ އިރު، އދ އިން ބުނެފައި ވަނީ އުތުރުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާރު ވެސް ގެދޮރު ގެއްލިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި އެތައްބަޔަކު ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން ރޭ ދިން ވައިގެ ހަމަލާތަކުގައި 55 މީހުން ޝަހީދުވެ، 30 ގެއެއް ހަލާކުވެފައިވާ ކަމަށް ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މިއަދު ޝަހީދުވި މީހުންނާ އެކު އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު، އިޒްރޭލުން ދެމުންދާ ހަމަލާގައި މިހާރު ޕަލަސްތީނުން 4651 މީހުން ޝަހީދުވެފައިވާ އިރު، ޒަހަމްވި މީހުންގެ އަދަދު ވަނީ 14245 އަށް އަރާފައެވެ. އަދި ހުޅަނގު އައްސޭރީގައި މިހާތަނަށް 92 މީހުން ޝަހީދު ވެފައިވާ އިރު، 1400 މީހުން ވަނީ ޒަހަމްވެފައެވެ.