ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަފިއެވެ.
މި ވާހަކަފުޅުގައި އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުމާއި ހާލަތު ބަދަލުވަމުން ދާގޮތުގެ މައުލޫމާތު އުރުދުގާން ވަނީ މުއިއްޒަށް ދެއްވާފައެވެ. އަދި އިންސާނީ އެހީ ފޯރުކޮށް ދިނުމަށްޓަކައި ތުރުކީން ކެނޑިނޭޓި މަސައްކަތް ކުރަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އެ ގޮތުން އެ ސަރަޙައްދުގައި ހަމަޖެހުން ގާއިމު ކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާކަން ވެސް އުރުދުގާން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އާ ވިސްނުންތައް ހޯއްދަވައިގެންވެސް ސުލްހައިގެ މަގަށް ކަންކަން ގެންދަވާކަން ވެސް ފާހަގަ ކުރެއްވިއެވެ.
މި ފޯން ކޯލްގައި ވާހަކަ ދައްކަވަމުން އުރުދުގާން ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުން ލިބިވަޑައިގެން ކާމިޔާބީ ފާހަގަ ކުރައްވައި މުއިއްޒަަށް މަރުހަބާ ވިދާޅުވެފައެވެ.
މުއިއްޒު އިންތިހާބުވެވަޑައިގެން ފަހުން އެކި ގައުމުތަކުގެ އިސް ޑިޕްލޮމޭޓުން މުއިއްޒާ ބައްދަލު ކުރައްވައި އަދި ގުޅުއްވައިގެން ވާހަކަ ދައްކަވާފައި ވީ ނަމަވެސް ފަލަސްތީންގެ ހާލަތާ މެދު ކްނބޮޑުވެވަޑައިގެން އެ މައްސަލއިގައި ވާހަކަ ދެއްކެވި ރައީސަކީ އުރުދުގާންއެވެ.
އުރުދުގާން ވަނީ ޔޫކްރެއިންގެ ހާރިޖީ ވަޒީރު ވްލަޑިމިއާ ޒެލެންސްކީ އާއި ޔުގަންޑާގެ ރައީސް ޔޯވެރީ މުސެވެނީ އަދި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް އާ ވެސް ފަލަސްތީނަށް އެހީވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާފައެވެ.