ދެހާސް ނަވާރަ ވަނަ އަހަރު ނެރުނު ރޮމޭންޓިކް ކޮމެޑީ “ޑްރީމް ގާލް” ގެ ސީކުއަލް މިއަދު ނެޓްފްލިކްސް ގައި ސްޓްރީމްކުރުމަށް ނިންމައިފިއެވެ.

ޖުމްލަ 350 މިލިއަން އިންޑިއަން ރުޕީސްގެ އާމްދަނީއަކުން އުފެއްދި މި ފިލްމު ސިނަމާތަކުގައި އަޅުވައިގެން ވަނީ 140 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިއަހަރު ބޮލީވުޑުން ނެރުނު ގިނަ ފިލްމުތަކުގެ ތެރެއިން 10 ވަނަ އަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމެވެ. ރާޖް ޝާންދަލިޔާ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަކީ އަޔޫޝްމަން ކުރާނާ އާއި އަނަންޔާ ޕާންޑޭ ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ. ފިލްމުގައި އަޔޫޝްމަން އާއި އަނަންޔާގެ އިތުރުން ދެން ފެނިގެންދިޔަ ބައެއް ތަރިންނަކީ އެކްޓަރު ޕަރޭޝް ރަވަލަ، ރާޖްޕަލް ޔާދަވް އަދި އައްނޫ ކަޕޫރުއެވެ. މި ފިލްމުގެ ފުރަތަމަ ބައިގައި ބަތަލާގެ ރޯލުން ފެނިގެންދިޔައީ ނުޝްރަތު ބަރޫޗާއެވެ.

ފިލްމުގައި އެކްޓަރު އަޔޫޝްމަން ފެނިގެންދިޔައީ އަންހެން އަޑުން ވާހަކަ ދައްކާ، އަދި އޭނާގެ އަޑުގެ ޖާދޫގައި ގިނަ ބަޔަކު ޖައްސާ ކޯލް ސެންޓަރުގެ މުވައްޒަފެއްގެ ރޯލުންނެވެ. ފިލްމުގައި ކަރަމް (އަޔޫޝްމަން) އަކީ ކުޑަ އަވަށަކަށް ނިސްބަތްވާ ނިކަމެތި އާއިލާގެ މީހެކެވެ. ބައްޕަ ނަގާފައި އޮތް ލޯނު ދައްކަން އަވަށުގެ އެންމެން އަތުން ފަހުން ދައްކާ ގޮތަށް ރުފިޔާ ނަގަން ފެށި ކަރަމް އަށް ލޯބިވެވެނީ ޕަރީ (އަނަންޔާ) ދެކެއެވެ. ޕަރީ އާއި ކައިވެނިކުރުމަށް ޕަރީގެ ބައްޕަ ކަރަމް އަށް ޝަރުތުތަކެއް ކަނޑައަޅައެވެ.

އަޔޫޝްމަން އަކީ އަބަދުވެސް ތަފާތު ރޯލުތަކުން ފެންނަ ތަރިއެކެވެ. އޭނާ ކުޅުނު ބައެއް ރޯލުތަކުގެ ތެރޭގައި ގައިނީ ޑަކްޓަރު އަދި ފުލުސް އޮފިސަރުގެ ރޯލު ހިމެނެއެވެ. އާންމުގޮތެއްގައި ފިލްމެއް ކުޅެން އޭނަ 10 ކުރޯޑުގެ އާމްދަނީއެއް ނަގައެވެ. އެއީ 1.2 މިލިއަން ޑޮލަރެވެ.