އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލަތާކާ ގުޅިގެން ފަލަސްތީންގެ ހަލާތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ޕަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އިންޑިއާ ދެމި އޮންނާނެ ކަަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް އަށް ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ގާޒާގެ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި އާންމުންގެ ގިނަ ބައެއްގެ ފުރާނަ ގެއްލުމާ ގުޅިގެން ތައުޒިޔާ ދަންނަވާ ކަމަށް މޯދީ ވިދާޅުވިއެވެ.
އެ ސަރަހައްދުތަކުގައި ހިންގަމުންދާ ޓެރަރިޒަމް ހަރަކާތްތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ސާލާމަތީ ހާލަތު ގޯސް ވަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަން ވެސް މޯދީ ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި އިންޑިއާއިން ޒަމާނުއްސުރެ ގެންގުޅޭ އުސޫލުތަކުގެ ވާހަކަ މޯދީ ވަނީ އައްބަސްއާ ދެއްކެވި ވާހަކައިގައި ތަކުރާރު ކުރައްވާފައި ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ، ރާއްޖެ ގަޑިން 9:30 ހާއިރު، ގާޒާގައި ހުންނަ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ އާ ގުޅިގެން މީގެ ކުރިން ވެސް މޯދީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ތައުޒީޔާގެ މެސެޖުގައި އޭނާ ވަނީ އެ ހަމަލާ ދިނުމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އިންޑިއާގެ ބޮޑުވަޒީރު މި މޭރުމުން ވާހަކަ ދައްކާވަފައި މިވަނީ އިންޑިއާއިން ފަލަސްތީނާއި އަދި މުސްލިމުންނާ ދެކޮޅަށް ވަކާލާތު ކުރާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ
އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި، 471 މީހަކު ޝަހިދުވެފައި ކަމަށާއި 314 މީހުން ޒަހަމްވެފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ޒަހަމްވި މީހުންގެ ތެރެއިން 28 މީހުންނަކީ ކްރިޓިކަލް ކޮންޑިޝަންގައި ތިބި ފަރާތްތައް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޔަހޫދީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 3400 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާއިރު، މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންގެ ގެދޮރު ވަނީ ގެއްލިފައެވެ.