މޫސުމާ ބެހޭ ގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

އަލް-ޖަޒީރާއަށް މުއިއްޒު ދެއްވި އިންޓަވިއުއެއްގައި، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ ފަރާތްތަކުން އަންދާޒާ ކޮށްފައިވާ ވަރަށް ރާއްޖޭގެ ހާލަތު ސީރިއަސް ކަމަށް ފާހަގަ ނުކުރެއްވޭ ކަމަށް މުއިއްޒު ވިދާޅުވެއެވެ. އެގޮތުން 2050 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ 80 ޕަސެންޓު އަޑިއަށް ދާނެ ކަމަށް އެ ފަރާތްތަކުން ބުނެފައިވީ ނަމަވެސް އެވަރު ވެދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވައި މައުމޫނު ވިދާޅުވީ އެންމެންވެސް ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ ކަމަށާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ހަގީގަތެއް ކަމަށެވެ. އަދި ސެޓެލައިޓް މައުލޫމާތު ދައްކާ ގޮތުގައި މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަހަ 3.4 މިލިމީޓަރު އުފުލިފައިވާ ކަމަށް ވިދާޅުވެ މައުމޫން ވަނީ ގްރާފެއް ވެސް އެކްސްގައި ހިއްސާ ކުރައްވާފައެވެ.

މުއިއްޒު އަލް-ޖަޒީރާއަށް ދެއްވި އިންޓަވިއު އަކީ ޝައުގުވެރި އިންޓަވިއުއެއް ކަމަށް ވިދާޅުވެ މައުމޫނު ވަނީ މީގެ ކުރިން އެ އިންޓަވިއުއާ ގުޅިގެން މުއިއްޒުއަށް ތައުރީފް ކުރައްވާފައެވެ.

މުއިއްޒުގެ އެ ވާހަކަތަކާ ގުޅިގެން ފާޑުކިޔުން އަމާޒުވި އިރު އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެފައި ވަނީ އެފަދައިން ދިމާވެފައި ވަނީ އެ ވާހަކަތަކުގެ މަފްހޫމުން ބޭރުން، އެ ވާހަކަތައް މާނަ ކުރެވިފައި ވާތީ ކަމަށެވެ.

މުއިއްޒުގެ ވާހަކައިގައި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވަމުންދާ އެކި ގޮންޖެހުންތަކުގެ ވާހަކަ ފާހަގަ ކުރެއްވި ކަމަށާއި އެކަންކަމަށް ތައްޔާރުވުމަށްޓަކައި ކްލައިމެޓް އެޑޮޕްޓޭޝަން އަށް މަސައްކަތް ކުރަންޖެހޭ ވާހަކަ ވެސް ފާހަގަ ކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މީގެއިތުރުން ދުނިޔޭގެ ބޮޑެތި އިގްތިސޯދުތަކުން އަމަލު ކުރަމުންދާ ގޮތްތަކުގެ ސަބަބުން ދިވެހި ރައްޔިތުން، މޫސިމީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާކަން މުއިއްޒު ފާހަގަ ކުރެއްވި ކަމަށާއި މި ގައުމަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ގެންގުޅުއްވާނެ ބައެއް ސިޔާސަތުތަކުގެ ވާހަކަ މުއިއްޒު ދެއްކެވި ކަން ފާހަގަ ކުރައްވައި ފިރުޒުލް އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތައް މުއިއްޒު ނަންގަވަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ނުޖޫމީ އިލްމަށް ލޯބި ކުރައްވައި އިރު ހަނދާއި ތަރިތައް ދައުރުވާ ގޮތް ބައްލަވައިގެން ވަރަށް ގިނަ ވާހަކަ ދައްކަވާ ބޭފުޅެކެވެ.