އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިގޮތަށް ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެ ވަކި ދާއިރާއެއް ހާމަ ނުކުރައްވާ މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭ ދާއިރާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ރާއްޖޭގެ ތަޖުރިބާކާރު ވަކީލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ މުއިއްޒު ވަނީ މީގެ ކުރިން އެޓާނީ ޖެނެރަލް އޮފީހުގައިވެސް މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުންވެސް މުއިއްޒަކީ މިހާރު އަމަލުކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރެއްވެސް މެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ކަމށް މުއިއްޒު އައްޔަން ކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އެ މަގާމާ ހަވާލުވެވަޑައިން އެ މުއައްސަސާ ކުރިއެރުވުމުގައި މުއިއްޒު ވަނީ ބޮޑު ދައުރެއް އަދާ ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް މުއިއްޒު ވާދަ ކުރައްވާނެ ކަން އިއުލާން ކޮށްފައިވާއިރު، އެކަމަށް ތާއީދު ކޮށް ގިނަ އަދަދެއްގެ އާންމުން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އަދި އެފަދަ އިލްމީ އަދި ގާބިލް މީހުން ރައްޔިތުން މަޖިލީހަށް ބޭނުންވެފައިވާ ކަމަށް އާންމުން ދަނީ ހިޔާލު ފާޅުކުރަމުންނެވެ.