ސިއްހީ ހިދުމަތްތައް ހުއްޓުމަކަށް ނާންނާނެ ކަމަށާއި އާންމުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެދޭ ވާހަކަތައް ނުފެތުރުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާ މިހާރު އޮތް ހާލަތު ދެމިގެން ގޮސްފިނަމަ އަންނަ މަހުގެ މެދާ ހިސާބަށް ދާއިރު ގިނަ ހިދުމަތްތަކެއް ހުއްޓުން އެކަށީގެން ވާކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވަނީ ވިދާޅުވެފައެވެ.

އެވާހަކައަށް ރައްދުދެއްވަމުން މިއުވާން "ދަ ޕްރެސް"އަށް ވިދާޅުވީ، ކޮންޒިއުމަބަލްސް ހޯދުމަށް ކުރިއެކޭ އެއްގޮތަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި މިއަށްވުރެ އުނދަގޫ ދުވަސްވަރެއްގައި، ކޮވިޑްގެ ތެރޭގައި ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއް ނެތި ގެނައި ފަދައިން މިހާރުވެސް ލިބޭނެ ކަމަށެވެ.

އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާ ހާސްކަން އުފެދޭ ގޮތަށް، ލިބޭ މައުލޫމާތުގެ އެއްބައި ބޭނުންކޮށްގެން އެފަދަ ވާހަކަތައް ނުފެތުރުމަށް މިއުވާން ވަނީ އެދިލައްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ސިއްހީ ދާއިރާގައި އަމަލު ކުރަމުންދާ އުސޫލަކީ ކޮންމެ އަހަރަކު 2 ފަހަރު ކޮންސިއުމަބަލްސް އޯޑަރު ކުރުން ކަމަށެވެ. ނަމަވެސް މިއަހަރުގެ މިހަތާނަށް އައިއިރު މި އަހަރުގެ 2 ވަނަ 6 މަސް ދުވަހަށް ބޭނުންވާ ކޮންސިއުމަބަލްސް އަށް އޯޑަރު ކޮށްފައި ނުވާ ކަަމަށެވެ.

އޭގެ ސަބަބުން ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ބައެއް ހޮސްޕިޓަލް ތަކާއި ހެލްތް ސެންޓަރުތަކުގެ ހިދުމަތް ހުއްޓުމަކަށް އަންނަމުން ދާކަން މިހާރު ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިހާރު މިއޮތް ހާލަތު މިގޮތަށް ދެމިގެން ހިނގައްޖެނަމަ އަންނަ މަހުގެ މެދާ ހަމައަށް ދާއިރު ހޮސްޕިޓަލް ތަކާއި ހެލްތް ސެންޓަރު ތަކުގައި ދެމުންދާ ވަރަށް ގިނަ ހިދުމަތްތައް އެއްކޮށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން މިހާރު ހިދުމަތްތައް ދެމުން ދަނީ އެމަޖެންސީ ސްޓޮކްގެ ތެރެއިން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކަމަށެވެ.

ފިރުޒުލް ވިދާޅުވީ ކޮންސިއުމަބަލްސް އަށް އޯޑަރު ނުކުރެވި ވަނީ ބަޖެޓުގެ ތެރެއިން ހަމަޖެހެންޖެހޭ ފައިސާ ހަމަޖެހިފައި ނުވުމުން ކަމަށެވެ. އަދި އެތަކެތި ނުލިބި ލެބޯޓަރީއާއި ހޮސްޕިޓަލުން ދެމުން އަންނަ އެހެނިހެން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އައިޖީއެމްއެޗްގައި ގާއިމް ކޮށްފައި ހުރި ހާއްސަ ފަރުވާދޭ 2 ސެންޓަރު ކަމަށްވާ ހިތުގެ ބަލީގެ ސެންޓަރާއި ނާރުގެ ސެންޓަރަށް ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ދައްކަންޖެހޭ ބިލްގެ ގޮތުގައި ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ހުރިކަން ފިރްޒުލް ވިދާޅުވިއެވެ. އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެ ސެންޓަރުތަކަށް ފޯރުކޮށްދީފައިވާ އަދި ފޯރުކޮށްދެމުންދާ އެކިއެކި ވަސީލަތްތަކާ ގުޅޭ ބިލްތައްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ބިލްތައް ނުދައްކާ ހުރުމުން އެ ސެންޓަރުގެ ހިދުމަތް ހުއްޓުމަކަށް އައުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި އައިޖީއެމްއެޗަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން މިއަހަރުގެ ބާކީ މުއްދަތަށް ފައިސާ ހަމަޖެހިފައި ވަނީ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަނި ކަމަށް ވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު ބަޖެޓު ހަމަޖެހިފައި ނެތުމުން އެހެނިހެން ހިދުމަތްތައް، އިމާރާތުގެ އަދި މެޝިނަރީސްގެ މަރާމާތު ވެސް ހިމެނޭހެން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިނގަމުން މިދާ ސަރުކާރުން ހެލްތް ސެކްޓައތު ހިންގުމުގެ މޮޑެލް ހަދާފައިވާ ގޮތުން މާލޭގައި އަދި އެކި ރީޖަންތަކުގައި ގާއިމް ކޮށްފައި ހުރި މައި ހޮސްޕިޓަލްތައް ހިނގަމުން ދަނީ ހެލްތް މިނިސްޓްރީގެ މެންޑޭޓުން ބޭރުން ނުވަތަ ހެލްތް މިނިސްޓްރީގެ މާ ބޮޑު ދައުރެއް ނެތިކަން ފާހަގަ ކުރައްވާ ފިރުޒުލް ވިދާޅުވީ އެ ހޮސްޕިޓަލްތައް ހިންގަމުން ދަނީ ރައީސްގެ ގަރާރަކުން އެކުލަވާލައްވާފައި ވާ ވަކި ބޯޑަކުން ކަމަށެވެ.

އެ ހޮސްޕިޓާތަކަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު މައި ހޮސްޕިޓަލް ތަކަށް ވާއިރު އެ ތަންތަން ހިންގުމުގައި ހެލްތް މިނިސްޓްރީގެ ދައުރެއް ނެތުމަކީ އޭގެ ސަބަބުން ވަރަށް ގިނަ މައްސަަލަތައް އުފެދުމަށް މެދުވެރިވެފައި ހުރި ކަމެއް ކަން ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ނަމަވެސް އެ ހޮސްޕިޓަލްތައް ހިންގުމުގަައި ހެލްތް މިނިސްޓްރީގެ ދައުރު އެއްވެސް ވަރަކަށް ނެތުމުން އެތަންތަނުން ފޯރުކޮށްދޭ ހިދުމަތުގެ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފަި އެބަހުރި ކަމަށާއި އެއް ހަމައަކުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެއް ފެންވަރުގެ ހޮސްޕިޓަލުތަކުން ފޯރުކޮށްދިނުމުގައި ވެސް ފަރަގުތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.