ބޮލިވުޑްގެ ކާމިޔާބު އެކްޓަރު ޝާހްރުކް ހާން ގެ ފިލްމު "ޖަވާން" އަންނަ މަހު ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ނިންމައިފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނީ ޝާހުގެ "ޖަވާން" ނެޓްފްލިކްސްގައި ޕްރިމިއާކުރާނީ އެކްޓަރުގެ 58 ވަނަ އުފަންދުވަހުއެވެ. އެއީ އަންނަ މަހުގެ ދެވަނަ ދުވަހެވެ. މިހާރުވެސް ސިނަމާތަކުގައި އަޅުވާފައި އޮތް މި ފިލްމަކީ މިއަހަރު ބޮލީވުޑްގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމުވެސްމެއެވެ. ފިލްމަށް މިހާތަނަށް 632.24 ކުރޯޑުގެ އާމްދަނީ އެއް ލިބިފައެވެ.

މި ފިލްމަކީ ޝާހުގެ ކުރީގެ ފިލްމު "ޕަތާން" އަށްވުރެ މާ ތަފާތު އަދި މޮޅު ފިލްމެއް ކަމަށް ގިނަ ކްރިޓީކުން އިއްތިފާގުވެއެވެ. އަދި މި ފިލްމުގައި އެކްޝަން މަންޒަރުތައް ގިނަވެ، ފުރިހަމަކަމަށްވެސް ކްރިޓީކުން ވަނީ މީގެ ކުރިން ބުނެފައެވެ. މި ފިލްމަކީ ޝާހު ތަފާތު ތިން ލުކް އަކުން ފެނިގެންދާނެ ފިލްމެއްވެސްމެއެވެ. އެއީ ތަލަ މީހެއްގެ ސިފައިގެ އިތުރުން ވަރުގަދަ ސިފައިން ފަހުލަވާނެއްގެ ސިފައިގައެވެ. އަދި ވަރަށް އާދައިގެ މެދުފަންތީގެ މީހެއްގެ ރޯލުން ވެސް ޝާހު ފެނިގެންދާނެއެވެ.

ތަމަޅަ ޑައިރެކްޓަރު އެޓްލީ ޑައިރެކްޓްކޮށް ޝާހްރުކްގެ އަންހެނުން ގޯރީ ހާން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމަކީ ބޮލީވުޑް އާއި ދެކުނު އިންޑިއާގެ ތަރިން ހިމެނޭ ފިލްމެކެވެ. ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާއިރު ފިލްމުން ފެނިގެންދާނެ ތަރިންނަކީ ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ، އާސްތާ އަގަރްވާލް އަދި ސާނިއާ މަލްހަތްރާއެވެ. ފިލްމުގެ ހާއްސަ ފެނިލުމަކުން ސަންޖޭ ދަތު، ވިޖޭ އަދި ޝާހު އާއެކު ޕަތާން ކުޅުނު ބަތަލާ ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދާނެއެވެ.

މި އަހަރަކީ ޝާހްރުކް ހާން އަށް ވަރަށް ކާމިޔާބު އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރު އެކްޓަރުގެ ފުރަތަމަ ފިލްމު "ޕަތާން" އަށް ޖުމްލަ 130 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބުނުއިރު މިހާރު ސިނަމާގައި އަޅުވާފައި އޮތް "ޖަވާން" އަށް ވެސް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ލިބެމުންނެވެ. މި ފިލްމަށްފަހު ޝާހުގެ އެއް ފިލްމު މިއަހަރު އަދި ފެންނާނެއެވެ. އެއީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށް ތާޕްސީ ޕަންނޫ އަދި ވިކީ ކޯޝަލް އާއެކު ޝާހު ފެނިގެންދާ ފިލްމު "ދުންކީ" އެވެ. ކެނެޑާ، ނިއުޔޯކް އަދި ސައުދީ އަރަބިއާގައި ޝޫޓްކޮށްފައިވާ މި ފިލްމު އާންމުންނާ ހަމައަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.