ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި މާލެ ސިޓީން ބޮޑު ތާއީދެއް ލިބިގެން ދިޔަައީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މިންނަތް ބުރަ މަސައްކަތުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި އެންމެ ފަހު ފަހަރަށް ހުރިހާ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މެއި 17، 2021 ގައި މޭޔަރު ކަމާ ހަވާލުވެވަޑައިގެން ދުވަހުން ފެށިގެން މިއަދާ ހަމައަށް މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރައްވަމުން ގެންދެވި އިރު، ކުރެއްވި ކޮންމެ ކަމެއް، އެ މަސައްކަތް ކުރެއްވުމަށް ހޭދަވި ކޮންމެ ސިކުންތެއް، އަދި އެއިން ކޮންމެ ކަމެއް ހަގީގަތަކަށް ވުމުގެ އަޑީގައި ތިބީ ކައުންސިލް ގެ މުވައްޒަފުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޑިރެކްޓަރުންގެ ލެވަލް އިން ފެށިގެން ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ކައުންސިލްގެ މެންބަރުންނާއި އަދި ހުރިހާ މުވައްޒަފުން، ކޮށް ދިން މިންނަތް މަސައްކަތް ފާހަގަ ކުރައްވައި މުއިއްޒު ވަނީ ހިތުގެ ފުން މިނުން އެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

"މިރޭ ދައްކަން ހުރި ހުރިހާ ވާހައެއް އެންމެ ދިގުކޮށް ވެސް އަދި އެންމެ ކުރުކޮށްވެސް ދަންނަވަން އޮތީ އަޅުގަނޑުގެ ހިތުގެ އެންމެ ފުން މިނުން މާލެ ސިޓީ ކައުންސިލްގެ ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުން މިނުން ފަށްފަށުން ޝުކުރު ދަންނަވަމޭ. ޝުުރިއްޔާ.."
ޑރ. މުހައްމަދު މުއިއްޒު

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަދި ދެވަނަ ބުރުގައި ވެސް މާލޭގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ ތާއިދެއް ލިބިވަޑައިގެންފައިވާ ކަން އެ ހަފްލާގައި ވާހަކަ ދައްކަވަމުން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެ ތާއީދު ލިބިވަޑައިގަތުމުގެ މައިގަނޑު ސަބަބަކީ ވެސް މާލެ ސިޓީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މާލޭގެ ކަންކަން ރީތި ގޮތުގައި އެންމެ ފުރިހަމައަށް އަދާކުރުމަށް މުވައްޒަފުން ކުރި މަސައްކަތް ފާހަގަ ކުރައްވަމުން މުއިއްޒު ވަނީ އީދަށް މާލެ ޒީނަތްތެރި ކުރުމަކީ އޭގެ ތެރެއިން ކުރެވުނު ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

2 އަހަރާއި މަސްތަކެއް ވަންދެން މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގެ ކަންކަން ރަނގަޅަށް ގެންދެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ މަސައްކަތްތައް ކުރުމުގައި ގޮން ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މި މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޔަގީނުން ވެސް މަގުތައް ހެދިފައި ހުންނާނެ ކަމަށާއި ޕާކިން މަލްޓިސްޓޯރީ އެތައް ބިލްޑިންއެއް އަޅައި ޕާކިންގެ ބޮޑު މައްސަލަ އަށް ވެސް ހައްލެއް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަންކަން ކުރުމަށް އެންމެ ފަހު މަރުހަލާ އާ ހަމައިން ހުއްދަ ނުލިބި މަސައްކަތް މަޑު ޖެހިފައި އޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނޮވެމްބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ އާ ސަރުކާރުގެ މަސައްކަތް ފެށޭ ހިސާބުން އެ ހުރިހާ ކަމެއް ފަހިކޮށްދީ މާލޭގެ ރައްޔިތުން އެދޭ ކަންކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ވެރިކަމުގައި މަސައްކަތް ކުރުމަށް ނަންގަވާނީ ގާބިލް ބޭފުޅުން ކަމަށާއި ހުރިހާ މުވައްޒަފުންނަކީ ވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ޖޯޝާއެކު މަސައްކަތް ކޮށް، ޖަވާބުދާރީ ވުމަށް ފަސް ނުޖެހި ހެޔޮ ހިތުން މަސައްކަތް ކުރާ ބައެއް ހެއްދެވުމަކީ އަޒުމެއް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާ ބައްދަލުކުރައްވަނީ

މި ހަފްލާގައި ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފައިވާ އިރު މުވައްޒަފުންގެ ފަރާތުން ވަނީ މުއިއްޒަށް ހާއްސަ މެސެޖެއް ދީފައެވެ. އެގޮތުން މާލެސިޓީ ކައުންސިލްގެ 4 ވަަނަ ދައުރާ ހަމައަށް އައި މޭޔަރުންނަށް ބަޅާއިރު ވެސް މުއިއްޒު ފަދަ ހިންގުންތެރި މޭޔަރެއް ވަޑައިނުގަންނަވާ ކަމަށް މުވައްޒަފުން ވަނީ ބުނެފައެވެ. މުވައްޒަފުންނާ އެކު މަސައްކަތް ކުރެއްވި އިރު ދެއްވި އިރުޝާދާއި، ލަފާއާއި އަދި މާލެއަށް ގެނެސް ދެއްވި ތަރައްގީ، އެ މުވައްޒަފުން ވަނީ ފާހަގަ ކޮށްފައެވެ. ހަމައެއާއެކު ކައުންސިލަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވައި ސްޓާފުންނަށް ވެސް ކުރިއެރުން އައި ކަމަށް އެ މުވައްޒަފުން ފާހަގަ ކުރެއެވެ. މީގެ އިތުރުން އެ ކައުންސިލްގެ މޭޔަރެއްގެ ގޮތުގައި ހުންނަވައި ރައީސުލްޖުމްހޫރިއްޔާ ކަން ލިބިވަޑައިގަތުމަކީ ފަހުރުވެރިވާ ކަމެއް ކަމަށާއި ކުރިމަގުގައި ވެސް ކާމިޔާބީއަށް އެދި މުވައްޒަފުންގެ ފަރާތުން ވަނީ މުއިއްޒަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.