އުއްމީދު ކުރައްވަނީ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބަށްފަހު މުއިއްޒު ބައިނަލްއަގްވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ ބަސްތީގަތުން އަލް-ޖަޒީރާއަށް ދެއްވާފައިވާއިރު މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިވަގުތު ހާރިޖީ ސިޔާސަތަކީ ދިވެހިންގެ ފައިދާއަށް އޮތް ސިޔާސަތެއް ނޫން ކަމަށެވެ.

މިގޮތުން އެމަނިކުފާނުގެ ގަބޫލު ކުރައްވާ ގޮތުގައި، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ގައުމުގެ އިސްތިގްލާލަށް އޭގެ އަސަރު ކުރާނެ ނުރައްކަލެއް ކަމަށާއި ބޭނުންފުޅުވަނީ ވެރިކަމާއި ހަވާލުވާތާ ހަފްތާއެއް ތެރޭވެސް އިންޑިއާ ސިފައިން ބޭރުވުން ކަމަށާއި އެހާވެސް ބޮޑު އިސްކަމެއް އެކަމަށް ދެއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި އެއްވެސް ގައުމެއް އަސްކަރިއްޔާގެ ބަޔަކު ތިބެން އަޅުގަނޑުމެން ދެކޮޅު ހަދަން. އެއީ ރައްޔިތުން ބޭނުންވާ ގޮތް. އެއީ އިންޑިއާ ސިފައިން ތިބުމުގެ ވާހަކަ އެއް ނޫން. އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު މި ތަނުގައި ގައި ނުތިބުމުން އެއީ ދިވެހީން ބޭނުންވާ ގޮތް
މުއިއްޒު

މުއިއްޒު ވިދާޅުވީ، ބޭރުގެ ގައުމުތަކާއި އެކު އަސްކަރީ ގުޅުންތައް މިހާރަކޭ އެއްގޮތަށް ދަމަހައްޓާނެ ކަމަށާއި، އިންޑީއާވިއަސް އެހެން ގައުމެއް ވިއަސް އެކަމުގެ ތެރެއިން ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.

ދާދި ފަހުން އިންޑިއާ ސަފީރާ ބައްދަލުކުރައްވާ ވެސް އެންމެ ފުރަތަމަ ވެސް ދެއްކެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ދަރަނި ދެއްކުމުގައި ފަސޭހަ ގޮތްތަކެއްް ހޯދުމާއި ގުޅޭގޮތުން ވެސް ބައްދަލްވުމުގައި މަޝްވަރާ ކުރެއްވި ކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ބޭނުމެއް ނުވެއޭ އިގްތިސާދު ވަކި ކޮޅަކަށް ބުރަވެފައި އޮންނާކަށް. އެ މީހުން އެކަމަށް ތާއީދު ކުރެއްވި
މުއިއްޒު

މީގެ އިތުރުން ރާއްޖޭގައި ތިބީ ކިހާ ސިފައިންނެއްކަން އެނގިވަޑައި ނުގަންނަވާކަން މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުމަށް ސުޕްރީމް ކޯޓުގައިވެސް ސަރުކާރުން އެދިފައިވާކަން މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.

މުއިއްޒު ވަނީ އިންޑީއާއެކު އޮތް ހަމައެކަނި މައްސަލައަކީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލުގެ މައްސަލަ ކަމަށާއި އެހެން ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމްވެ ތިބޭ ފަދަ އެއްވެސް މުއާމަލާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.