އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކެބިނެޓް އެކުލަވާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ލިސްޓެއް ފޮނުއްވި ކަމަށް އެގިވަޑައި ނުގަންންވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި އިންތިގާލީ ކޮމިޓީގެ ވެރިޔާ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ކެބިނެޓް އެކުލަވާލުމަށް ރައީސް ޔާމީން ލިސްޓެއް ފޮނުއްވި ކަމަށާއި އެ ލިސްޓަށް އަމަލު ނުކުރަން ނިންމި ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައިވެސް ވާހަކަތަކެއް ފެތުރިފައެވެ. އެކަމާ ގުޅިގެން މިއަދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަދުރޭ ވިދާޅުވީ ކެބިނެޓް އެކުލަވާލުމަކީ ރައީސްއަށް ގާނޫނު އަސާސީއިން ލިބިދޭ އިހުތިޔާރެއް ކަމަށާއި އެހެން ބޭފުޅަކު ލިސްޓް ހަދާފައި ފޮނުވުމަކީ އޮންނަ ގޮތް ނޫން ކަމަށެވެ.

އަދުރޭ ވިދާޅުވީ މިހާތަނަށް ރައީސް ޔާމީންލިސްޓެއް ހައްދަވާ، ފޮނުއްވި ކަމެއް އަދި މުއިއްޒު އެކަމަށް އެއްޗެއް ވިދާޅުވި ކަމެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުން ވެރިކަން ހަވާލުކުރެއްވީ 5 އަހަރަށް ޑރ މުއިއްޒަށް ކަމަށާއި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން ވައުދުވެވަޑައިގެންނެވީ ވެސް މުއިއްޒު ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެހެންކަމުން ރައީސްގެ ކެބިނެޓް ވާން ޖެހޭނީ ރައީސްގެ 100 ޕަސެންޓް އިތުރުބާރު އޮތް ކެބިނެޓަކަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު 15 ކޮމިޓީއެއް އުފައްދާ ކޮންމެ ކޮމިޓީއެއްގައި ގާތްގަނޑަކަށް 40 މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތުގައި ޖުމްލަ ގާތްގަނޑަކަށް 500 މީހުން ބައިވެރިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ސަރުކާރުގެ ހުރިހާ މުވައްސަސާތަކަކަށް ސިޓީ ފޮނުވިފައިވާ ކަމަށާއި އޭގެ ތެރެއިން ވަރަށް ގިނަ މުވައްސަސާތަކުން ޖަވާބު ލިބި، އެ މުވައްސަސާތަކަށް ޒިޔާތްކުރެވިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ވަރަށް ސްމޫތުކޮށް ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސަައްކަތްތައް ހިންގަމުންދާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ސަރުކާރުގެ މިހާތަނަށް ޒިޔާރަތްކުރި ތަންތަނުން އެއްބާރުލުން ލިބިފައިވާ ކަމަށާއި މިހާރު ސާފު ކުރަނީ އިދާރީ ކަންކަން ހުރި ނެތް ގޮތާއި އެ މުވައްސަސާގެ މަސައްކަތްތަކާއި އިދާރީ އޮނިގަނޑާއި ޕްރޮޖެކްޓުތަކާއި ސިޔާސީ މަގާމުތައް ފަދަ ކަންކަން ކަމަށެވެ. އަދި އުންމީދު ކުރަނީ މި މަހުގެ 15 އަށް އެ މަސައްކަތުގެ ބޮޑުބައި ނިންމުން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.