ޕާކިސްތާނުން ރާއްޖެ އައި އެގައުމުގެ ރައްޔިތެއްގެ ލަގެޖުން ޖުމްލަ 4.720 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވާކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމުން ބުނީ މި މަސްތުވާތަކެތި ފެނިފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ޕާކިސްތާނުން ރާއްޖެ އައި 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން އެ ފަސިންޖަރުގެ ލަގެޖް ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

މި ގޮތުން ބަލާ ފާސްކުރުމުގެ ތެރޭގައި އެ ފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އިތުރަށް ކަސްޓަމުން ބުނީ މި ތަކެތި ފުރަތަމަ މަރުހަލާއިން ކަސްޓަމުން ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައި ހެރޮއިން އަށް ޕޮޒިޓްވްވެފައިވާ ކަމަށެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގައި ޖުމްލަ 4.720 ކިލޯ ހުރި އިރު މި ތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފަސިންޖަރު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.