ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކުޅަދާނަ ތަރި ކަންގަނާ ރަނައުތު އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ތޭޖަސް" ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

އެއާފޯސް ޕައިލެޓެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ މީގެ ހަތަރު ވަރަކަށް އަހަރުކުރިން އިއުލާން ކުރި ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ރާޅާއެކު ފިލްމުގެ މަސައްކަތް މެދުކެނޑި، ދުވަސްތަކެއް ފާއިތުވިއެވެ. ނަމަވެސް އޭގެ ހަތަރު އަހަރެއްހާ ދުވަސް ފަހުން ސިނަމާއިން މި ފިލްމު ބަލާލުމުގެ ފުރުސަތު މި މަހު ލިބިގެންދާނެއެވެ. މި މަހު 27 ވަނަ ދުވަހު ތިއޭޓަރު ތަކުގައި އަޅުވަން ހަމަޖެހިފައިވާ "ތޭޖަސް" ގައި ކަންގަނާ ފެނިގެން ދާނީ ވަރަށް "ގަޓު" ހުރި ޕައިލެޓެއްގެ ރޯލުންނެވެ. ކޮންމެ ފަދަ ކަމެއް ކުރަންވެސް ފަސްނުޖެހޭ ފަދަ ގައުމު ދެކެ ލޯބިވާ ހިތްވަރުގަދަ އަންހެން ދަރިއެއްގެ ގޮތުގައެވެ.

ރޮނީ ސްކްރޫވާލާ ޕްރޮޑިއުސް ކުރާ މި ފިލްމު ކުޅުމަށް ކަންގަނާ ވަނީ އިންޑިއާގެ އަސްކަރިއްޔާގެ އޮފިސަރުންނާ އެކު ހަތަރު މަސް ދުވަހުގެ ހާއްސަ ތަމްރީނު ތަކެއް ފުރިހަމަ ކޮށްފައެވެ. މި ފިލްމަކީ އިންޑިއާގެ އަންހެން އެއާފޯސް ޕައިލެޓް ތޭޖަސް ގިލް އަސްކަރިއްޔާ އަށް ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ގެނެސްދޭ ފިލްމެކެވެ. އާންމުކޮށް ބޮލީވުޑުން މިފަދަ އަސްކަރީ އެކި އެކި ފިލްމުތައް އެކި މީހުންނަށް ނިސްބަތްކޮށް ގެނެސްދެއެވެ.