މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް އިންޑިއާ މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ނިރޮޅުމަގު، މޫތީ ގޯޅީގެ ކަންމަތީގައި ބިދޭސީއަކު ވެއްޓިފައި އޮތް ތަން ފެނި ފުލުހުންނަށް މިރޭ 7:00 ހާއިރު ވަނީ ރިޕޯޓް ކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށާއި އެއީ އިންޑިއާ ފިރިހެނެއް ކަމަށެވެ. އަދި މި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހާ ވެއްޓިފައި އޮތް މަންޒަރާއި ފުލުހުން އެމީހާ އައިޖީއެމްއެޗަށް ގެންދިއުމަށް ހަރަކާތްތެރިވީ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވަމުން އަންނަ އިރު، އެއް ބަޔަކު ބުނަމުން ދަނީ އެމީހާ ވެއްޓިފައި އޮތީ މަސްތުވާތަކެތި ބޭނުން ކޮށްގެން ކަމަށެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ލައިގެން ހުރި ޖިންސުގެ ބެލްޓް ދަށަށް ކުޑަ ފުޅިއެއް ޖަހާފައިވާ މަންޒަރު ފެނެއެވެ.

ބެލެވޭ ގޮތުގައި އެއީ ބޮގަރު އަޅާފައިވާ ފުޅިއެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.