ސަރުކާރުން އަތޮޅުތަކުގައި ތަރައްގީ ކުރަމުންދާ ޕްރޮޖެކްޓަކުގެ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭ މައްސަލަ ހައްލު ކުރުމަށް ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ބުނެފިއެވެ.

އެމްއެންއޭސީއައި އިން ބުނީ ސަރުކާރުން އަތޮޅުތަކުގެ ތަރައްގީއަށް ހިންގަމުންދާ ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކާއި، އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުން އަމިއްލަ ތަކެތީގައި މަސައްކަތް ކުރުމަށްފަހު ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އިންވޮއިސް ހުށަހެޅުމުން ފައިސާ ލިބުން ލަސްވެ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެގޮތުން ކޮންޓްރެކްޓްތައް ހިންގުމަށް ދަތިވެގެންނާއި، މުވައްޒަފުންނަށް މުސާރަ ނުދެވުމާއި، މުވައްޒަފުންގެ ކެއުމާއި އެހެނިހެން ހަރަދުތައް ހަމަޖެއްސުމާއި، މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭ ފަރާތްތަކަށް އަގު ނުދެވިގެން އެ ކަންކަމުގެ ޝަކުވާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރުމަށްފަހު، އެކަމަށް ހައްލެއް ނުލިބިގެން އެމްއެންއޭސީއައިގައި ވެސް އެ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި ސަރުކާރުން ދޭން ޖެހޭ މަސައްކަތުގެ އަގު ނުލިބިގެން މުވައްޒަފުންނަށް މުސާރަ ނުދެވި މުވައްޒަފުން މަސައްކަތް ހުއްޓާލަމުން ގެންދާ ކަމަށާއި، ކޮންޓްރެކްޓަރުން ގޮތް ހުސްވެ ކަންބޮޑުވެފައިވާ ކަމުގައި ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އެކަން ހައްލު ކުރުމަށް މިހާތަނަށް ސަރުކާރާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ ކަމާއިބެހޭ މިނިސްޓްރީތަކާއި، މަސައްކަތްތައް ކުރުވާ މިނިސްޓްރީތަކާއި، ސިވިލް ސާވިސް ކޮމިޝަނުގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށް ކޮންޓްރެކްޓްގައި އެއްބަސްވެފައި އޮންނަ މުއްދަތުގެ ތެރޭގައި އިންވޮއިސްގެ ފައިސާ ދިނުމަށް ތަކުރާރުކޮށް އެދިފައި ވާނެ ކަމަށެވެ. އަދި ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ސަރުކާރުން ކޮންޓްރެކްޓަރު ޖޫރިމަނާކުރާ ފަދައިން، ކޮންޓްރެކްޓަރުންގެ އިންވޮއިސްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެވުމުން އޭގެ ޖޫރިމަނާ ކޮންޓްރެކްޓަރުންނަށް ދިނުމަށް ވެސް އެ އެސޯސިއޭޝަނުން އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން އިތުރަށް ބުނީ މަސައްކަތް ކުރަމުން ގެންދަނީ ކޮންޓްރެކްޓަރުންގެ މައްސަލަތައް އަޑުއަހައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށް ކަމަށެވެ. އެގޮތުން ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ރައީސްއާ ބައްދަލުކޮށް، މި އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ "ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޗެލެންޖެސް އެންޑް ޕޮސިބަލް ސޮލިއުޝަންސް"ގެ 3 ވަނަ ސެމިނާ (ނޮވެމްބަރު 6، 2019) ގައި ފާހަގަކޮށްފައިވާ 24 ނުކުތާގެ މައްޗަށް އެކުލެވޭ ޕްރެސެންޓޭޝަން ނޮވެމްބަރު 24، 2019 ގައި ހުށަހަޅާފައިވާނެ ކަން އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ވޭތުވެދިޔަ މުއްދަތުގައި މިއިން ކަމަކަށް ވެސް ހައްލެއް ލިބިފައި ނުވާކަން ނުހަނު ކަންބޮޑުވުމާއެކު އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވާއިރު ކޮންޓްރެކްޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމާއެކު، ކޮންޓްރެކްޓުތަކުގައި ބުނެފައިވާ ގޮތުގެ މަތިން ކޮންޓްރެކްޓަރުންގެ އިންވޮއިސްތަކަށް ފައިސާ ދޫކުރުމަށް ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ. އަދި އެފްއައިޑީސީގެ ކޮންޓްރެކްޓް ޑޮކިއުމަންޓާ އެއްގޮތަކަށް އިންސާފުވެރި މަސައްކަތް ކުރުވާ ފަރާތާއި، މަސައްކަތް ކުރާ ފަރާތަށް ހަމަހަމަ ކޮންޓްރެކްޓެއް ތައާރަފްކޮށް ކޮންޓްރެކްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.