ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ފެތުރިގެންދާނެ ބައްޔަކުން ސަލާމަތްވާން ސަމާލުކަންދޭންޖެހޭ ކަމަށާ އެގޮތުން ފެން ހިންދުމާ އަދި ސާފުކުރުމުގައި ސަމަލުކަން ދިނުމަށް ވަނީ އެދިފައެވެ. އަދި ކުޑަކުދިން ވެސް އެފަދަ ފެންތަކާ ކާރިވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވަމުން އަންނައިރު އެޗްޕީއޭ އިން ވަނީ ޖަންގްޝަން ފުރިގެން ނުވަތަ ސެޕްޓިކްޓޭންކް ފުރިއްޖެނަމަ ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތު ޔުނިޓްގެ އެހީތެރިކަން ހޯދުމަށް އެދިފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ކާނުގަނޑުތައް ފުރޭ މައްސަލަ އިތުރުވަމުން އަންނަކަން ފާހަގަކޮށް މިފަދަ ކާނުގަނޑުތަކުގައި ގިނައަދަދެއްގެ ޖަރާސީމު ހުންނާނެ ކަމަށާއި، ގަައިގެ ތަނެއް ކަނޑައިގެން ގޮސްފައިވާ މީހެއްނަމަ މިފަދަ ފެންތަކުގައި ނުޖެހުމަށް ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން އާއްމު ސާފުތާހިރުކަމަށް އިތުރަށް ސަމާލުވުމަށް ބުއިމަށާއި ކެއްކުމަށް އަދި ތަށި ދޮވުމަށް ފުޅީގައި ބަންދުކުރި ފެން، ވާރޭފެން ނުވަތަ ކެއްކި ފެން ބޭނުންކުރުމާއި ޖަންކްޝަން ފުރިގެން ފެން ނުކުންނަނަމަ ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިން ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.