އެއްބަސްވުންތަކުގެ ތަފްސީލް ހާމަކުރަން އިންޑިއާއިން އެއްބަސް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިގާލީ މުއްދަތުގެ ތެރޭގައި މުއިއްޒު ގެންދަވަނީ އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު މުއިއްޒު ވަނީ އިންޑިއާގެ ސަފީރު މުނޫ މަހާވަރާ ބައްދަލު ކުރައްވާފައެވެ.

އިންޑިއާގެ ސަފީރުގެ އަރިހުން މުއިއްޒު އެދިވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވުމަށާއި، ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް ދިވެހިން ނިންމި ނިންމުމަށް އިހްތިރާމް ކުރުމަށެވެ. އިންޑިއާގެ ސަފީރު ވަނީ ރާއްޖޭގެ މުސްތަގިއްލު ކަމަށް ފުރިހަމަ އަށް އިހްތިރާމް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ވަގުތު ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ބައްދަލުވުމުގެ އިތުރަށް ތަފްސީލް ދެއްވަމުން މުއިއްޒު ވިދާޅުވީ އިސްކުރާނީ ގައުމު ކަމަށް ވިދާޅުވި ކަމަށާއި އިންޑިއާގެ ސިފައިން މި ގައުމުގައި ތިބުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ވެސް ވިދާޅުވި ކަމަށެވެ. އަދި އިންޑިއާ ސިފައިން ތިބި މައްސަލައަކީ ކުރައްވާނެ އެންމެ ފުރަތަމަ ކަމަކަށްވާނެ ކަމަށާއި މި ކަމުގައި އިންޑިއާގެ ކިބައިން ޖަވާބު ލިބެން ބޭނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ ގައުމެއްގެވެސް އެ ގައުމުގެ މިނިވަންކަން ޔަގީންވެގެން ދިއުމާއި އެ ގައުމެއްގެ އިސްތިގުލާލަކީ އެ ގައުމެއްގެ ހައްގެއް ކަމަށް ވިދާޅުވުމުން އެކަމުގައި އެއްވެސް ސުވާލެއް ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށެވެ. އަދި ދެ ފަރާތުން ވާހަކަދައްކައިގެން ދެ ފަރާތަށް ފައިދާ ހުރި ގޮތަކަށް ކަންކަން ގެންދެވޭނެ ކަމަށާއި ވާހަކަދައްކައިގެން ހުރިހާ ކަމެއް ހައްލުކުރަން ތިބި ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ލޯނުތަކުގެ މައްސަލާގައި ލުއި ގޮތް ވާން އެދޭ ކަމަށާއި ފެށިފަ ހުރި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ގެންދަން ބޭނުންވާ ވާހަކައާއި އެގްރިމެންޓްތަކުގެ ތަފްސީލްތައް ނޭނގޭ ކަމާއި އެ ތަފްސީލްތައް މި އިންތިގާލީ މުއްދަތުގެ ތެރޭގައި ފެންނާނެ ކަމަށް އުންމީދު ކުރާ ވާހަކަވެސް ވިދާޅުވި ކަމަށެވެ. އަދި އަދި އޭގައި މައްސަލަތަކެއް ހުރިއްޔާ ބޭނުމޭ އެކަންކަން ހައްލުކުރަންވެސް ބޭނުންވާ ވާހަކަވެސް ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުމެއް ނޫނޭ އޭގައި އެއްވެސް ކަހަލަ އަޅުގަނޑުމެންގެ އިސްތިގްލާލަށް ސުވާލު މާކެއް އުފެދޭ ކަމެއް އޮންނާކަށް."
މުއިއްޒު

އިސްތިގުލާލަށް އެއްވެސް ސުވާލު މައިކެއް އޮންނަ ފަދަ ކަމެއް އެއްބސްވުމުގައި އޮންނަން ބޭނުން ނުވާ ކަމަށް ވިދާޅުވުމުން އެއްބަސްވުންތަކުގައި އިސްތިގުލާލަށް ސުވާލު މައިކެއް އުފެދޭ ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.