ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް މަގާމުތަކުން ދުރުކުރުމުގެ ވިސްނުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުގެންގުޅުއްވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ފިރުޒަލް މިހެން ވިދާޅުވީ 'ދަ ޑިމޮކްރެޓްސް' އާ އެކު އެއްބަސްވުމެއް ނެތް ނަމަވެސް އާ ސަރުކާރުން ފުރުސަތު ލިބޭނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި ކަމަށް ބުނެ ނޫހެއްގައި ޖަހާފައިވާ ހަބަރަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

މި ގޮތުން ފިރުޒަލް ވިދާޅުވީ ޑރ. މުއިއްޒު އެކުލަވާލައްވާނީ ޝާމިލު ސަރުކާރެއް ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ ގާބިލުކަމާއި ޖަވާބުދާރީ ވުމުގެ ޝަރުތު ފުރިހަމަ ވާނަމަ، ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް ސަރުކާރުގައި ހިމެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެއީ ސީދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނާނެ ކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް މިހެން ވިދާޅުވެފައި ވާއިރު ޑރ. މުއިއްޒު ވިދާޅުވީ އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލާއިރު، އެމަނިކުފާނުގެ ބަސް ވިކޭ ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ވެސް ފުރުސަތު ދެވެން އޮތް މިންވަރަކު ފުރުސަތު ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ޑިމޮކްރެޓްސްގެ އިތުރުން އެކުގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި ކެބިނެޓްގައި ހިމެނޭނީ ކަމަށް ގާބިލު ތައުލީމީ ބޭފުޅުން ކަމަށެވެ.