އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖަޕާނުގެ ސަފީރު ތަކެއުޗީ މިދޯރީ އާއި ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް މުހައްމަދު ފައްޔާޒް ޣިލާނީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޖަޕާނާއި ޕާކިސްތާނުގެ ސަފީރުން ވަނީ މުއިއްޒުގެ އަރިހަށް ވަކިވަކިން މިއަދު ޒިޔާރަތްކުރައްވައިފައެވެ.

ދެ ގައުމުގެ ސަފީރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ފެށިގެންދާ ވެރިކަމުގެ ދައުރުގައި ރާއްޖެ އާއި އެ ގައުމުތަކުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ސަފީރުންގެ އަރިހުން މުއިއްޒު އެދިވަޑައިގަތީ އޭނާ ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަކުރުމަށްޓަކައި ޖަޕާނާއި ޕާކިސްތާނުގެ ސަރުކާރުތަކުން ބައިވެރިވުމަށެވެ.

އިންތިހާބީ ރައީސް މުއިއްޒު، ޕާކިސްތާނުގެ ސަފީރާ ބައްދަލުކުރައްވަނީ ---

ހަމަ އެހެންމެ ޖަޕާނުގެ ސަފީރާ ދެއްކެވި ވާހަކައިގައި މުއިއްޒު ވަނީ، ޒަމާނުއްސުރެ ދިވެހިންނަށް އެ ގައުމުން އެހީތެރިކަން ދެމުންދާކަން ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާކުރައްވައިފައެވެ. ޖަޕާނުން ދިވެހިންނަށް ވެދޭ އެހީތެރިކަމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނާއި ސަރުކާރަށް ދިވެހިންގެ ހިތްތަކުގައި ހާއްސަ އިހްތިރާމެއް ދެވިފައިވާ ކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ޖަޕާނާއި ޕާކިސްތާނުގެ ސަފީރުން ވެސް ވަނީ އެ ދެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމާއި، ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ އެހީތެރިކަން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފައެވެ.

އެ ދެ ގައުމުގެ ސަފީރުންނާ ބައްދަލުކުރެއްވުމުގެ ކުރިން މުއިއްޒު ވަނީ މިއަދު ބަންގްލަދޭޝްގެ ސަފީރާ ވެސް ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތާއި ޗައިނާ އާއި ޔޫއޭއީ އާއި އިންޑިއާގެ ސަފީރުން ވަނީ މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް އިއްޔެ ކުރައްވައިފައެވެ.