މުދައްރިސުން އިތުރު ކޮށްދެއްވުމުގެ އިތުރުން ކިޔަވާ ނިމިގެން ނުކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން އަށަގެންނެވުމަށް ތައުލީމީ މަންހަޖަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި މުއިއްޒު ވިދާޅުވީ، ތިން އަސާސް ކަމަށްވާ ހަރުދަނާ އަހްލާގާއި ތަނަވަސް އިލްމުގެ އިތުރުން ކުޅަދާނަ ހުނަރުވެރިކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވިއްޖެ ނަމަ ކާމިޔާބީގެ އައްސޭރިއަށް އެ ގައުމަކަށް ވާސިލް ވެވޭނެ ކަމަށެވެ.
"މި ފުރުސަތުގައި އަޅުގަނޑު ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދަންނަވާލަން ބޭނުންވާ ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ މި އަހަރު މުދައްރިސުންގެ ދުވަހުގެ ޝިއާރުން ވެސް އިޝާރާތްކުރާ އެއް މައްސަލަ އެވެ. މުދައްރިސުންގެ އަދަދު މަދުކަމެވެ. މިއީ ރާއްޖެއަށް ވެސް އޮތް މައްސަލަ އެކެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެވެ." މުއިއްޒު ވިދާޅުވި އެވެ.
އަދި އެ ދެ މައްސަލައަށްވެސް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި އެކާވީސް ވަނަ ގަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރު ކަމާއި، ގާބިލުކަމާއި އުޅުންތެރިކަން އުފައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތައް އަށަގަންނުވާނެ ކަމުގެ ޔަގީން ކަން އޭނާ ވަނީ ދެއްވާފައެވެ.
އަދި ހަމައެހެންމެ މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާ ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް، މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަން ކުރުމުގެ އިތުރުން މުޖުތަމައުގައި މުދައްރިސުންގެ ގަދަރާއި ޝަރަފު މަތިވެރިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.
އަދި މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުނގަންނާ ދެއްވާ މުދައްރިސުންގެ އިތުރުން ތައުލީމީ ހުރިހާ މަރުހަލާއެއްގައި އަގުހުރި ހިދުމަތް އަދާކުރައްވާ އެންމެހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ ވަނީ ފޮނުއްވާފައެވެ. މުދައްރިސުންނަކީ ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެއް ކަމަށާއި ޓީޗަރުންނަކީ ގައުމުން އަނދިރިކަން ނައްތައިލާ ބައްތިތަކެއް އަދި ކަތިކަން ނައްތައިލާ ރަހަފަތިތަކެއްގެ ގޮތުގައި ސިފަކުރެއްވާފައި ވެއެވެ.