އާ ރައީސަކަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމާ ގުޅިގެން ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ޓްރާންސިޝަނަލް ކޮމިޓީގެ ވެރިއަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސައިފިއެވެ.
ޓްރާންސިޝަނަލް ކޮމިޓީގެ ޗެއާއަކަށް އަދުރޭ ހަމަޖައްސާފައި ވާއިރު ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓާ އޮފް ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިހާބީ ރައީސް އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ.
ޓްރާންސިޝަނަލް ޗެއާއަކަށް އައްޔަން ކުރާ ފަރާތަކުން ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންން އަދި އެ މީހުންގެ މުސާރައާ އިނާޔަތްތައް ހަމަޖެއްސުން ހިމެނެއެވެ. އަދި އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރައާ އިނާޔަތްތައް ހަމަޖައްސުމުގެ މަސްއޫލިއްޔަތު ވެސް އަދާ ކުރަން ޖެހެއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރީގައި އޮތީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މުއިއްޒަށް 129،159 ވޯޓު ލިބިވަޑައިގެންފައި ވާ އިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.
މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.