ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު އަންގާރަ ދުވަހު (މާދަމާ) ގޮތެއް ނިންމާނެކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގާފައެވެ.
އެމްޑީޕީ މެންބަރުންގެ ތާއީދާއެކު މަޖިލީހުން ނިޒާމީ ވޯޓު ނެގުމަށް ފާސްކޮށްފައި ވާއިރު އެ ޕާޓީން ބުނީ ނިޒާމީ ވޯޓާ ގުޅިގެން ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ކުރިމަތިވި ނާކާމިޔަބީ އާ އެކު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ އިތުރުން ޕާޓީގެ އާންމު މެންބަރުންވެސް އަންނަނީ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދޭނެ ކަމަށް ބުނަމުންނެވެ.
މި ގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފެއްދި 'ދަ ޑިމޮކްރެޓްސް' އިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކެމްޕެއިން ކުރަމުން އަންނައިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރު ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެކަން ކުރުމަށް ސާފުވާންޖެހޭ ބައެއް ކަންކަން އަދި އެބަހުރި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.