ހައްދުންމަތިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް ހައްދުންމަތީ ފޮނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޝުކުރު ދަންނަވައިފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހައްދުންމަތިން 57.59 ޕަސެންޓާއެކު މުއިއްޒަށް މެޖޯރިޓީ ވަނީ ލިބިވަޑައިގެންފައެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމާއި ޕީއެންސީއިން ދިވެހީންގެ ރާއްޖެ ހޯދުމަށް ފެށި ކެމްޕެއިން ކާމިޔާބު ކުރުމުގައި ހައްދުންމަތީގެ ރައްޔިތުން ދެއްކި ސާބިތުކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށެވެ.

މި ކެމްޕެއިން ކާމިޔާބު ކުރުމުގައި ހައްދުންމަތީގެ ކެމްޕެއިން މެނޭޖަރު ޕީޕީއެމްގެ ސެނެޓަރު އިބްރާހީމް ފައިސަލާއި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދާއި ހައްދުންމަތީގެ ދާއިރާތަކުގެ ރައީސުންނާއި ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންނާއި ދެ ޕާޓީގެ ހުރިހައި މެންބަރުންނާއި ކެމްޕެއިންގައި ހަރަކާތްތެރިވި އެންމެހައި ބޭފުޅުންނާއި ހާއްސަކޮށް ހައްދުންމަތީގެ ހިތްވަރުގަދަ ޒުވާނުންނަށް އެއްވެސް ހިފެހެއްޓުމެއްނެތި އައްސަރިބަހާއި ސާބަސް ދަންނަވަމުން އަދުރޭ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ އޭނާގެ އިހުލާސްތެރި ދުއާއަކީ އާންމުކޮށް މުޅި ރާއްޖެއަށް ހާއްސަކޮށް ހައްދުންމައްޗަށް އިތުރު ކުރިއެރުމާއި ކާމިޔާބީ މިންވަރުކޮށް ދެއްވުމާއި ދިވެހީންގެ ރާއްޖެ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި މިނިވަންކަމުގެ ހިޔާވަހިކަމުގެ ދަށުގައި އަބަދުމެ ލެހެއްޓެވުމަށް އެދި ދުއާ ކުރައްވާފައެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައިވަނި 129،159 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.