އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައެވެ.

ވޯޓުލުމަށް ޖުމްލަ 586 ފޮށިބެހެއްޓި އިރު މިހާތަނަށް އެއް ވޯޓު ފޮށީގެ ނަތީޖާ ފިޔަވާ ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ ވަނީ ގުނާ ނިމިފައެވެ. އެ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު މުއިއްޒަށް 127،927 ވޯޓު ލިބިވަޑައިގެންފައި ވާއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،261 ވޯޓެވެ. ވޯޓުލީ މީހުންގެ 53 ޕަސެންޓާއެކު ކުރި ހޯއްދެވީ މުއިއްޒުއެވެ.

އިންޑިއާގެ ބޮޑުވަޒީރު، މޯދީ މިއަދު ހެނދުނު މުއިއްޒު ޓެގްކުރައްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރައްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުުރަށް ބަދަހި ކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަަމަށެވެ.

މޯދީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވަރަށް ބޮޑަށް އޮންނަ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން އެއީ ބިރުވެރި ކަމެއްގެ ގޮތުގައި އިިދިކޮޅުން އަބަދުވެސް ފާހަގަ ކުރަމުންދެއެވެ. އެކަމާ ދެކޮޅަށް އިދިކޮޅުން ވަނީ 'އިންޑިއާ އައުޓް' ކެމްޕެއިން ވެސް ފަށާފައެވެ.

ވެރިކަމަށް ހޮވި ވަޑައިގަތަސް އިންޑިއާއާ ގުޅުން ގާއިމް ކުރައްވާނެ ކަމަށާއި ނަމަވެސް 'އިންޑިއާ ފަސްޓް' ޕޮލިސީ ނުގެންގުޅުއްވާނެ ކަމަށް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ވެރިކަމަށް ވަޑައިން އިންޑިއާ ސިފައިން ބާލާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް އިންޑިއާގެ މި ތުހުމަތުތައް މިހާރުގެ ސަރުކާރުން ދަނީ ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.