ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ މެސެޖްގައި މުއިއްޒު ވިދާޅުވީ މި ދަނޑިވަޅުގައި ވަރަށް އިހްލާސްތެރިކަމާއި އަދަބު ވެރިކަމާއެކު ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް، އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަކީ ރައީސް ސޯލިހަށް ގާނޫނީ ގޮތުން ކުރެއްވެވޭނެ ކަމެއް ކަމަށާއި އެކަން ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކާ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮންމެ ދިވެހި ރައްޔިތަކީ މުއިއްޒުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް ކަމަށާއި ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް އެކަން އޮތީ އެހެން ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހައްގު ލިބިގެން ދާނީ އެއްވަރަކަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބުގެ ކާމިޔާބާ ގުޅިގެން އެއްވެސް މީހަކު ގައުމުގެ ހަމަނުޖެހުން ގެއްލޭ ފަދަ ކަމެއް ކުރުމަށް ހިތްވަރު ނުދިނުމަށް އެދިވަޑައިގަންނަމުން މުއިއްޒު ވިދާޅުވީ އުފާ ފާޅުކުރުމުގައި ވެސް އުޅުމާއި ގުޅުމަކީ ރިވެތި އަހްލާގުގެ ތެރެއިން ކުރިއަށް ގެންދާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހަމަޖެހުން ގެއްލުވާލުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މަސްލަހަތު ގެއްލުވާލައި ގައުމުގެ ކުރިމަގު ބަނަކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެފަދަ ކަމަކަށް އެއްވެސް ފުރުސަތެއް ނުދިނުމަށް މުއިއްޒު ގޮވާލެއްވިއެވެ.

އިތުރަަށް މުއިއްޒު ވަނީ، ގައުމަށް ހަމަޖެހުން ގެނެސްދީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމުގެ އިތުރުން އިގްތިސޯދު ނަގާކޮޅަށް ޖައްސަވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކަކީ ރައްޔިތުން އުންމީދު ކުރާ ގޮތަށް ގައުމުގެ ކަންކަން ގެންދެވޭނެ ދުވަސްތަކެއް ކަމަށާއި ބަހުގެ އިތުބާރު ދަމަހައްޓަވާނެ ކަމަށެވެ. އަދި ރައްޔިތުން ހަވާލު ކުރި ޒިންމާ އަމާނާތްތެރި ކަމާއެކީގައި އަދާ ކުރައްވާނެ ކަމަށާއި ޓްރާންސިޝަން ޕީރިއަޑްގައި ސަރުކާރުގެ މުވައްސަސާތަކުގެ ކަންކަން ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންގޮސް 17 ނޮވެމްބަރާ ހަމައަށް ދާން ވާއިރަށް ތައްޔާރުވެ، 17 ނޮވެމްބަރުގައި ރަސްމީ މަސައްކަތް ފަށްޓަވާނީ ރައްޔިތުން އެދޭ ގޮތަށް ވަރަށް ބާރު ސްޕީޑްގައި ގެންދިއުމަށް ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.