ދުވަސްގަނޑަކަށްފަހު ފިލްމީ ތަރި ސޯނަމް ކަޕޫރު ފިލްމަކުން ފެންނަން ތައްޔާރު ވެއްޖެއެވެ.

2018 ވަނަ އަހަރު ކައިވެނި ކުރި ސޯނަމް ވަނީ ކައިވެންޏަށްފަހު ފިލްމީ މަސައްކަތާ ކުޑަކޮށް ދުރުވެލާފައެވެ. އޭގެ ފަހުން ބަނޑުބޮޑުވެ ދަރިއެއްވެސް މިހާރު ހުންނަ ސޯނަމް މަސައްކަތްކުރާނީ އަންނަ އަހަރު މަސައްކަތް ފަށާ މި ފިލްމަކީ ކުޅަދާނަ ލިޔުންތެރިޔާ އަނޫޖާ ޗޯހަންގެ 2010 ވަނަ އަހަރު ގެނެސްދިން ވާހަކަ "ބެޓްލް އޮފް ބިޓޯރާ" އަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ސޯނަމްގެ އާއިލީ ފިލްމު ކުންފުނި އަނިލް ކަޕޫރް ފިލްމްސް އިން ގެނެސްދޭ މި ފިލްމުގެ ކާސްޓުން އަދި އިއުލާންކޮށްފައެއް ނުވެއެވެ. ބަތަލާ ބުނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު މަސައްކަތްކުރަނީ އޭނާ އާއެކު ފިލްމު ކުޅޭނެ ފިރިހެން ބަތަލެއް ހޯދުމުގެ މަސައްކަތާއި ފިލްމު ޑައިރެކްޓްކުރާނެ މޮޅު ޑައިރެކްޓަރެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.

2007 ވަނަ އަހަރު ނުކުތް ފިލްމު "ސާވަރިއާ" އިން ބޮލީވުޑަށް ތައާރަފްވި ސޯނަމް ކަޕޫރު އަކީ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަނިލް ކަޕޫރުގެ ދޮށީ ދަރިފުޅެވެ. ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައިނުވާ ސޯނަމް ނިސްބަތްވަނީ ފިލްމީ އާއިލާ އަކަށެވެ. ބަތަލާ ސޯނަމް ކުޅުނު މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ނީރްޖާ"، "ތޭންކް ޔޫ" އަދި "އައި ހޭޓް ލަވް ސްޓޯރީޒް" ހިމެނެއެވެ.

ނިއު ދިއްލީގެ ވިޔަފާވެރިޔާ އާނަންދު އަހޫޖާއާ 2018 ވަނަ އަހަރު ކައިވެނިކުރި ސޯނަމް އަށް ވަނީ މިދިޔަ އަހަރު ފިރިހެން ދަރިއެއް ވިހާފައެވެ.