މިއަހަރު މިހިސާބަށް އައިއިރު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ފިލްމަކަށް "ޖަވާން" ވެއްޖެއެވެ.
ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ހާން ލީޑު ރޯލު ކުޅޭ މި ފިލްމަށް މިހާތަނަށް 525 ކުރޯޑުގެ އާމްދަނީއެއް ލިބިފައިވާއިރު މި ފިލްމަކީ ޝާހުގެ ތިން ލުކެއް ފެނިގެންދާ ފިލްމެކެވެ. ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް ކުރި ޓްވީޓްގައި ބުނީ ޝާހުގެ "ޕަތާން" އާއި ސަނީ ޑިއޯލްގެ "ގަދަރު 2" ފަހަތަށް ޖައްސާލުމަށްފަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް "ޖަވާން" ވެއްޖެ ކަމަށެވެ. މިހާރު ވެސް ސިނަމާތަކުގައި އަޅުވާފައި އޮތް މި ފިލްމު ކުރިއަށް އޮތް ހަފްތާތެރޭގައި މިއަށް ވުރެ ބޮޑު އަދަދެއްގެ އާމްދަނީއެއް ހޯދާނެ ކަމަށް ބެލެވެއެވެ. ފިލްމަށް ލިބެމުން އަންނަ ކާމިޔާބީ އާއި ތަރުހީބުގެ ސަބަބުން ފިލްމުގެ ޓީމުން ވަނީ ހާއްސަ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
މި އަހަރަކީ ޝާހްރުކް ހާން އަށް ވަރަށް ކާމިޔާބު އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރު އެކްޓަރުގެ ފުރަތަމަ ފިލްމު "ޕަތާން" އަށް ޖުމްލަ 130 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބުނުއިރު މިހާރު ސިނަމާގައި އަޅުވާފައި އޮތް "ޖަވާން" އަށް ވެސް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ލިބެމުންނެވެ. މި ފިލްމަށްފަހު ޝާހުގެ އެއް ފިލްމު މިއަހަރު އަދި ފެންނާނެއެވެ. އެއީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށް ތާޕްސީ ޕަންނޫ އަދި ވިކީ ކޯޝަލް އާއެކު ޝާހު ފެނިގެންދާ ފިލްމު "ދުންކީ" އެވެ. ކެނެޑާ، ނިއުޔޯކް އަދި ސައުދީ އަރަބިއާގައި ޝޫޓްކޮށްފައިވާ މި ފިލްމު އާންމުންނާ ހަމައަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.