އައްޑޫ ސިޓީ މިދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި އާސާރީ މަހާނަ ގާތަކަކަށް ބަޔަކު ދިން ގެއްލުން ސާވޭކޮށް, މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ނެޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް) އިން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ، ހުކުރު ވަގުތު އައްޑޫ ކޯގަންނު ގަބުރުސްތާނުގައި ހުރި އާސާރީ މަހާނަ ގާތަކަކަށް ގެއްލުން ދީފައިވާއިރު ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މަހާނަ ގާތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރަނީ ބައެއް މީހުން ގެންގުޅޭ ވިސްނުންތަކުގެ ސަބަބުން ކަމަށެވެ.
ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ވޮޗް ލިސްޓުގައި ހިމެނޭ ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަަކަށް ދީފައިވާ ގެއްލުން ސާވޭ ކުރުމަށް މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަވޭ މަޝްރޫއުގެ ޓީމުގެ ފަރާތުން ވަނީ އެ ގަބުރުސްތާނަަށް ޒިޔާރަތް ކޮށްފައެވެ. އެންސީސީއެޗް އިން ކުރި ޓްވީޓެއްގައި ބުނީ ގަބުރުސްތާނުގެ ގާތަކަށް ދީފައިވާ ގެއްލުންތައް އެ އިދާރާގެ ޓީމަކުން ޑޮކިއުމަންޓް ކޮށްފައި ވާކަމަށާ އެ ގާތަށް މަރާމާތުކުރުމަށް އެ ޓީމުގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ބުނީ މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.