ވެރިކަން ލިބިއްޖެނަމަ ސަރުކާރުގެ ކަންކަން ހުރިގޮތް ބެއްލެވުމަށްފަހު ފުރަތަމަ 100 ދުވަހުގެ ވައުދުތައް އެކުލަވާލާ އާންމު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގެން އެ އަތޮޅު ފޭދޫގައި ބޭއްވި ޖަލްސާ ގައި ވާހަކަދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވާނެ ވައުދުގެ ގޮތުގައި އެއްވެސް ވައުދެއް އަދި ވެވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި ފުރަތަމަ 100 ދުވަހުގެ ވައުދުގެ ގޮތުގައި ވައުދު ވެވަޑައިގެންފައި ނުވަނީ މި ސަރުކާރުގެ ކަންކަން ހުރިގޮތް ނޭނގި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސީދާ ކުރެވޭނެ ކަންކަން ނުދެންނެވޭނިތީ ކަމުގައެވެ.

ވެރިކަން ލިބިއްޖެނަމަ އެކަންކަން ބެލުމަށްފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަމުގެ ޕްލޭނެއް އެކުލަވާލާ ރައްޔިތުންނަށް އެކަންކަން ހާމަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ޕްލޭން އެކުލަވާލެވޭނީ ފައިސާއާ ގުޅޭ މައުލޫމާތުތައް ސަރުކާރުގެ ތެރެއިން ލިބިގެން އެކަން ކަމަށެވެ. އެގޮތުން ވެރިކަން ލިބުމުން އެކަންކަން ސަރުކާރުގެ އިދާރާތަކަށް ވަޑައިގެން ބައްލަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މައިގަނޑު ގޮތެއްގައި ކުރާނެ ކަންކަން ދަންނަވާފައިވާނެކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ހާރިޖީ ސިޔާސަތުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކުރައްވާ ކަމެއްގެ ގޮތުގައި ހިމެނޭނެ ކަމަށެވެ. އަދި ފައިސާ ޗާޕުކުުރުން ހުއްޓާލާ އިގްތިސޯދު ކޮޅަށް ޖެހުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ވިދާޅުވެފައެވެ.