ފިލްމު ނެޓްފްލިކްސް އަށް ގެންނަން އުޅޭ ކަން އެނގުމާއެކު ފިލްމަށް އިންތިޒާރުކުރެވުނެވެ. ޓްރެއިލާ ބެލުމަށްފަހު ފިލްމު އިތުރަށް ބެލުމަށް ޝައުގުވެރިކަން އުފެދުނެވެ. ނަމަވެސް ނެޓްފްލިކްސް އަށް "ޖާނޭ ޖާން" ސްޓްރީމް ކުރަން ފެށިއިރު ފިލްމު ބަލާކަށް ވަގުތެއް ނުވިއެވެ. ނަމަވެސް މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން، ރޭގަނޑުގެ ވަގުތުކޮޅު މި ފިލްމު ބެލުމަށް ހުސްކޮށްލީމެވެ. ސުޖޭ ގޯޝް ޑައިރެކްޓްކޮށް ގެނެސްދީފައިވާ މި ފިލްމަކީ ކަރީނާ ކަޕޫރު ހާން ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ.

  • ތަރިން

ކަރީނާ ކަޕޫރު ހާން (މާޔާ)، ޖައިދީޕް އަހްލަވާތު (ޓީޗަރ/ނަރެން)، ވިޖޭ ވަރްމާ (އިންސްޕެކްޓާ ކަރަން) އަދި ޝޯރަބް (މާޔާގެ ފިރިމީހާ އަޖިތު) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމު ފެށިގެން ދަނީ ޓީޗަރ ދަންޖެހެން އުޅޭ މަންޒަރަކުންނެވެ. ނަމަވެސް ޓީޗަރ އަށް އެކަން ކާމިޔާބުނުވީ އެވަގުތު މީހަކު އައިސް ދޮރުގައި ޓަކި ޖަހަން ފެށުމާއެކުގައެވެ. މާޔާ އާއި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޓީޗަރ ދިރިއުޅޭ ފްލެޓަށް ބަދަލުވަނީ އޭނާގެ ފިރިމީހާ ކައިރިން ފިލުމަށެވެ. ދަރިއެއް ހުންނަ ކަން ނޭނގޭ ހާލު މާޔާގެ ފިރިމީހާއަކީ ބޮޑު އަނިޔާވެރިއެކެވެ. ފިރިމީހާ އަށް ފިލަން މާޔާ އުޅޭ ތަން ބަދަލުކޮށް އޭނާގެ ނަން ވެސް ބަދަލުކުރިއެވެ. ފިލްމުގެ ބޮޑު މަންޒަރު ފެށެނީ މާޔާގެ ފިރިމީހާ އޭނާ ހޯދައިގެން އޭނާ މަސައްކަތްކުރާ ކެފޭ އަށް ވަނުމާއެކުގައެވެ. 14 އަހަރަށްފަހު ފިރިމީހާ ފެނުމުން މާޔާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. މާޔާ އަށް ކުއްލި ސިހުމެއް ލިބިގެން އަންނަނީ އޭނާގެ ފިރިމީހާ އަށް އެދެމީހުންގެ ދަރިއަކު ހުންނަ ކަން އެނގުމުންނެވެ. ދަރިފުޅު އޭނާ އަށް ނުދައްކަން މަސައްކަތްކުރި ނަމަވެސް މާޔާގެ ފިރިމީހާ އަޖިތު ހުރީ މާކުރިން އޭނާގެ ދަރިފުޅާ ބައްދަލުކޮށްފައެވެ. ދަރިފުޅަށް ލިބިދާނެ އަނިޔާއަކަށްޓަކައި މާޔާ ދަރިފުޅާ މެދު ކަންބޮޑުވިއެވެ.

މައްސަލަ ގޯސްވީ އަޖިތު، މާޔާ ހޯދަން އެގެއަށް އައުމުންނެވެ. ދަރިފުޅަށް އަޖިތު ފެނި ބިރުގަތެވެ. އަދި އަޖިތު އަށް ހަމަލާދިނެވެ. ވަގުތުން އަޖިތުވެސް އޭނާގެ ދަރިފުޅަށް އަނިޔާކުރަން ފަށައެވެ. އެ މަންޒަރު ބަލަން ނުހުރެ މާޔާ އައިސް އަޖިތަށް ހަމަލާދެެއެވެ. ކޯޅުންގަނޑުގެ ތެރެއިން މާޔާ އަތުން އަޖިތު މަރުވެއެވެ. އަޖިތުގެ ހަށިގަނޑަށް ހަނދާނެ ގޮތެއް ނޭނގިފައި ހުއްޓާ އެގޭގައި ޓަކި ޖަހަނީ ޓީޗަރއެވެ. ނަރެން އަކީ މުޅި ހިސާބުގަނޑު ދަންނަ އެންމެ މަޝްހޫރު ހިސާބު ޓީޗަރެވެ. މި ފިލްމުގައި މާޔާ އަށް އެހީތެރިވަނީ ނަރެން އެވެ. އޭނާގެ ހިސާބު އީކުއޭޝަން ތަކުން މައްސަލަ ހައްލުކޮށްލާގޮތް ފެނުމުން ކުޑަކޮށް އަޖައިބުވެސްވިއެވެ. ހިސާބަކީ ހާދަ ބާރުގަދަ އެއްޗެކޭ އެ ސިކުންތުތެރޭ ހިތަށް އެރިއެވެ. ކަރަން، މާޔާ ދިރިއުޅޭ އަވަށަށް އަންނަނީ ފިލައިގެން އުޅޭ ސްބް ފޮލިސް އިންސްޕެކްޓާ އަޖިތު ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް އެ އަވަށަށް ކަރަން އެރުމާއެކު އަޖިތުގެ މަރުގެ ހަބަރު ލިބެއެވެ. މަރުގެ ހަގީގަތް ތަހުގީގުކުރަމުން ދިޔައިރު ސަސްޕެކްޓަކަށް މާޔާ ވެގެންދިޔައެވެ. މާޔާ ކަންތައްކުރަމުންދިޔައީ ޓީޗަރ ބުނިގޮތަށެވެ. އަނެއްކޮޅުން ކަރަންވެގެންދިޔައީ ޓީޗަރ ގެ ކުރީގެ ކްލާސްމޭޓަކަށެވެ. އެހެންކަމުން ކަރަންގެ ވިސްނުން ވަރަށް ރަނގަޅަށް ޓިޗަރ އަށް އެނގެއެވެ. މި މަރުގެ ހަގީގަތް ތަހުގީގުކުރަން އުޅުމުގެ ތެރޭގައި ޝައުގުވެރި އެތައް ކަމެއް ފެނިގެންދެއެވެ. ހަގީގަތުގައިވެސް ކަންތައްވެގެން ދިޔައީ ކިހިނެއް ކަމެއް ފިލްމުގެ މެދެއްހާ ތެރެއިން ބުނެދޭކަށް ނޭނގުނެވެ. ރީތި ކްރައިމް ތްރިލާ އެއް ބަލާލަން ބޭނުންނަމަ ކަރީނާގެ "ޖާނެ ޖާން" ބަލާލާށެވެ.