އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް އެންމެ މުހިންމު އެއް މަސައްކަތެއް ކޮށްދެނީ އޭވިއޭޝަން ދާއިރާއިން ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އޭވިއޭޝަން އިންޑަސްޓްރީގެ ވާހަކަތައް އަދި މާބޮޑަށް ދައްކަވާފައި ނުވީ ނަމަވެސް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ވަނީ ބަނގުރޫޓުވެފައި ކަމަށާއި ގައުމީ އެއާލައިން ނަގާކޮޅަށް ޖަހައި ސީދާ ފްލައިޓްތައް ރާއްޖެއިން ބޭރު ގައުމުތަކަށް އަލުން ފަށާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އޭވިއޭޝަން ދާއިރާ ފުޅާކޮށް ވައިޑް ބޮޑީ އެއާކްރާފްޓް އަދި ނެރޯ ބޮޑީ އެއާކްރާފްޓް ގެންނާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ގައުމީ އެއާލައިންއަކީ ދިވެހިން ފަހުރުވެރިވާފަދަ އެއާލައިނަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.
މުއިއްޒު ވިދާޅުވީ އޭވިއޭޝަން ދާއިރާ އިތުރަށް ތަރައްގީ ކުރުމުން ޓޫރިޒަމް ދާއިރާގެ ކުރިއެރުންތައް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ކަންކަމަށް ބަލައި ރަނގަޅަށް މެނޭޖު ނުކުރެވި ހުރި ކަންކަން ރަނގަޅުކޮށް އިންޓަނޭޝަނަލް މިންގަނޑުތަކާ އެއްގޮތަށް އައިލޭންޑް އޭވިއޭޝަންގެ އޮނިގަނޑު، މުސާރަ އަދި އިނާޔަތްތައް ބައްޓަންކޮށްދީ އިންސާފު ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ކުންފުނިތަކަކީ ކުންފުނި ހިނގާގޮތަށް ހިނގާ ތަންތަން ނޫންކަމަށާއި ފިނޭންސް މިނިސްޓްރީއިން ޖެހެނީ ކޮންމެ ހަފްތާއަކު ނުވަތަ މަހަކު ފައިސާ ދޭން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ ފައިސާއަކީ ލޯނެއް ނޫން ކަމަށާއި އެފައިސާ އަނބުރާ ނުލިބޭ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މުއިއްޒުގެ ވެރިކަމެއްގައި ކޮންމެ ކުންފުންޏަކީ އެ ކުންފުނީގެ ގޮތުގައި ހިނގާ ކުންފުންޏަކަށް ހައްދަވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މިހާރު އެ ކުންފުނިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދަރާފައިވާ ދެރުން ނިމުމަމަކަށް ގެނެސް އިގްތިސޯދު ނަގާ ކޮޅަށް ޖައްސަވާނެ ކަމަށެވެ.
އެފަދައިން އޭނާ ވިދާޅުވުމުން ކުންފުނިތަކުގެ މުވައްޒަފުން އޭނާ ވަކި ކުރައްވާނެ ކަމަށް މީހުން ބުނެފާނެ ކަމަށާއި ނަމަވެސް ފެނަކަ ނުވަތަ އަދި އެހެނިހެން ވެސް މުއައްސަސާތަކުގައި ސިޔާސީ މަގާމެއް ފިޔަވައި އެހެން މަގާމެއްގައި ހުރި މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެެވެ.
މީގެއިތުރުން މުއިއްޒު ވިދާޅުވީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ވަޒީފާގެ ޒިންމާ އަދާ ކުރުމަށްފަހު އެމީހަކު ތާއީދު ކުރާ ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރިހަމަ ފުރުސަތު އޮންނަންވާނެ ކަމަށެވެ. އަދި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރާތީ ވަޒީފާއިން ވަކިކޮށްފިނަމަ މުއިއްޒުގެ ވެރިކަމެއްގައި އެ މީހަކަށް ވަޒީފާ ހޯދަ ދެއްވާނެ ކަމަށެވެ.