ފުވައްމުލަކު ސިޓީގައި 500 ހައުސިން ޔުނިޓް އަޅާ، އަތްފޯރާ އަގުގައި އެތަންތަން ދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އޭނާ ޔަގީން ކުރައްވަނީ ހޮނިހިރު ދުވަހުގެ ވޯޓަކީ މާ ބޮޑު ނަތީޖާއެއް ނެރޭނެ ވޯޓަކަށް ވާނެ ކަމަށެވެ. އަދި ފުވައްމުލަކު ސިޓީއަށް ފުރަތަމަ ވަޑައިގެން ދުވަހުވެސް ކުރައްވަން ވިދާޅުވި ކަންކަން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ވަނީ ވިދާޅުވިއެވެ.
ހުރިހާ އެންމެންވެސް ބޭނުންވަނީ އަބުރުވެރި، ފުދުންތެރި ދިރިއުޅުމެއް އުޅެން ކަމަށާއި ގެދޮރުވެރިކަމާއި އާމްދަނީ އިތުރުކުރަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ތަފާތުކުރުމެއް ނެތި އެކަންކަން ކޮށްދެއްވާނެ ކަމަށާއި ގެދޮރުވެރިކަން ބޭނުންވާ ހުރިހާ އެންމެންނަށް ގެދޮރު ޔަގީންކޮށްދިނުމަކީ 5 އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމެެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ތެރެއިން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރަން ދޭ ލޯނުގެ ވާހަކަ މުއިއްޒު ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި ފުވައްމުލަކުގައި 500 ހައުސިން ޔުނިޓްގެ ހައުސިން މަޝްރޫއެއް ހިންގަވާނެ ކަމަށް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.
މުއިއްޒު ވިދާޅުވީ އެ ހައުސިން ޔުނިޓްތައް ހުންނާނީ އަތް ފޯރާ އަގުތަކުގައި ކަމަށާއި މި ސަރުކާރުން ހައުސިން ޔުނިޓްތައް ދެނީ ވަރަށް އަގުބޮޑުކޮށް ކަމަށެވެ. އަދި ހުރިހާ އަގުތަކެއް އަތްފޯރާ ފަށަށް ތިރިކުރައްވާނެ ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ދޭ ހައުސިން ޔުނިޓްތައް ހުންނަން ޖެހޭނީ އަތްފޯރާ އަގުގައި ކަމަށެވެ.
މުއިއްޒު ވިދާޅުވީ ފުވައްމުލަކުގައި ޓޫރިޒަމްގެ ކަންކަން ކުރެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކޮށްދެއްވާނެ ކަމަށާއި އިންވެސްޓްކޮށްގެން އިންޓަގްރޭޓަޑް އިކޯ ޓޫރިޒަމްއަށް ހުޅުވާލައްވާނެ ކަމަށެވެ. އަދި ފުވަމުލަކު ހޮސްޕިޓަލުން އެމްއާރްއައި އާއި ސީޓީ ސްކޭންއާއި އެ ނޫން ވެސް އެހެނިހެން ހިދުމަތްތައް ލިބޭނެ ގޮތް ހައްދަވާ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް އެތަން ބަދަލުކޮށްދެއްވާނެ ކަމަށެވެ.
ފުވައްމުލަކުގައި ޑީކޯ ޗެމްބަރެއް ގާއިމު ކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.