އެވިޑް ކޮލެޖުގެ ޗެއާޕާސަން އަބްދުﷲ މުސްތާގް ރަޝާދު މިއަދު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
މުސްތާގު ޕީޕީއެމްއާ ގުޅިވަޑައިގެންފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކެމްޕެއިންއަށް ގދ. ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ. މުސްތާގުގެ މެންބާޝިޕް ފޯމާ ހަވާލުވެވަޑައިގެންފައި ވަނީ މުއިއްޒު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އެވިޑް ކޮލެޖުގެ ޗެއާ ޕާސަންގެ އިތުރުން ތިނަދޫ އެވިޑް ކޮލެޖުގެ މެނޭޖާ މުހައްމަދު ޒުހައިރު ވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. މުހައްމަދު ޒުހައިރު ވަނީ ސަރުކާރަށް 24 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.
މި ބޭފުޅުންގެ އިތުރުން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ ތަބުތަކުގެ ގޮތުގައި ސިފަކުރާ ގިނަ ފަރާތްތަކެއް ވެސް ވަނީ އެ ޕާޓީ ދޫކޮށް ޕީޕީއެމްއާ ގުޅިފައެވެ. މީގެއިތުރުން ތިނަދޫގެ ގިނަ ޒުވާނުންތަކެއް ވެސް ވަނީ ޕީޕީއެމްއަށް ސޮއިކޮށް މެމްބާޝިޕް ފޯމް ހުށަހަޅާފައެވެ.
ރިޔާސީ އިންތިހާބެއްގައި ފުރަތަމަ ފަހަރަށް އެމްޑީޕީގެ މައްޗަށް އިދިކޮޅި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ކުރި ހޯދާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައެވެ. އެ އިންތިހާބުގައި މުއިއްޒު ވަނީ 48.9 ޕަސެންޓާއެކު ތިނަދޫ ސިޓީގެ މެޖޯރިޓީ ހޯއްދަވާފައެވެ.
މުއިއްޒު ރޭ ލާމު ގަމަށް ވަޑައިގެންފައިވާ އިރު، ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ އާއި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލ. އަތޮޅުގެ އިންތިހާބެއްގައި ފުރަތަމަ ފަހަރަށް ވަނީ އެމްޑީޕީ ނޫން ޕާޓީއަކަށް މެޖޯރިޓީ ލިބިފައެވެ.