ކޮރަޕްޝަނަށް މަގުފަހުވާފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަަމަށާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އިސްވެ އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެންމެ ފުރަތަމަ އެކަމަށް އިސްވެ ފިޔަވަޅު އަޅުއްވާނީ އެމަނިކުފާނު ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ މި ގައުމުގެ ކަންކަން އޮތް ގޮތަށް ބަލާއިރު ގައުމީ ވޯޓެއް ކަމަށާއި އެ ދުވަހު ކަންކަން ރަނގަޅަށް ނުނިންމައިފިނަމަ ދާނީ އަތު ނުޖެހޭ ހިސާބަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހާރިޖީ ސިޔާސަތު އޮތް ގޮތުން ގައުމުގެ މިނިވަންކަން އޮތީ ވަރަށް ނުރައްކާތެރި ހިސާބެއްގައި ކަމަށާއި ކުރަމުންދާ ގައުމީ މަސައްކަތުގައި ގިނަ ފަރާތްތަކުން ގުޅެމުން ދިއުމަކީ އެ މަސައްކަތަށް ލިވޭ ދިރުމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މުޅި ރާއްޖޭގެ ތަސައްވުރު ހާމަކުރައްވާ ދައްކާ ވާހަކައަކީ އެކަންކަން ކުރުމަށްޓަކައި ދައްކާ ވާހަކައެއް ކަމަށެވެ އެކަންކަން ކޮށް ނަތީޖާ ދައްކައިދޭނެ ކަމަށާއި އެކަންކަން ކުރުމަށް އެކުލަވާލާ ޓީމް ވާނީ އިހްލާސްތެރި ކަމާއެކު މުއިއްޒު އެދޭ ގޮތަށް އެ ކަންކަން ކުރެވޭ ވަރުގެ ޓީމަކަށް ކަމަށެވެ.
އެގޮތުން ކެބިނެޓު، ސަރުކާރުގެ ކުންފުނިތައް އަދި އެހެނިހެން އިދާރާތަކުގެ ހުރިހާ ފަރާތްތަކުން ވާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ފަރާތްތަކަކަށް ކަމަށާއި އެއީ ފަސްބައިސާފު މުއިއްޒު ބޭނުންވާ އަވަސް މިނުގައި ރެޔާއި ދުވާލު މަސައްކަތް ކުރަން ކެރޭ ހީވާގި ތައުލީމު ލިބިފައިވާ ތައުލީމީ ބޭފުޅުންގެ ޓީމަކަށް ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޭނުންވަނީ އިހްލާސްތެރި ތެދުވެރި މަސައްކަތްތަކެއް ކުރައްވަން ކަމަށާއި އަދުލުވެރިކަމާއެކު އިންސާފުވެރި ވެރިކަމެއް ކުރާނެ ކަމަށާއި ނަތީޖާ ފުރަތަމަ ދުވަހުން ފެށިގެން ނެރެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ގައުމުގެ މިނިވަންކަން ޔަގީންކޮށް ދިނުމަކީ އެންމެ މުހިންމު ކަން ކަމަށާއި އެކަން ފުރަތަމަ ދުވަހު ފަށާ އެއް މަސައްކަތަށް ވެގެންދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެެވެ.
ރައްޔިތުންނަށް އަދި ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރަންވެއްޖިއްޔާ ގައުމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.