ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި ރާގަވް ޗައްޑާ، އިއްޔެ ކައިވެނިކޮށްފިއެވެ.

ޕްރައިވެޓްކޮށް، އުދޭޕޫރުގައި ބޭއްވި މި ހަފްލާގައި ބައިވެރިވެފައިވަނީވެސް ދެފަރާތުގެ އާއިލާގެ އިތުރުން އެންމެ ގާތް އެކުވެރިންނެވެ. އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރާގަވް އާއި ޕަރިނީތީ ކައިވެންޏަށްފަހު ވެނިއު އިން ވެސް ދެމީހުން ނުކުތީ ޕަޕަރާޒީންގެ ލޯމައްޗަށްވެސް ވަގަށެވެ. ކައިވެނީގެ ހެދުން ނުދެއްކުމަށްޓަކައި ވަރަށް ބޮޑަށް ފޮރުވެ ތިބެގެން ދެމީހުން ކައިވެނީ ހަފްލާ ބޭއްވި ތަނުން ނުކުތް ނަމަވެސް ފަހުން، ސޯޝަލް މީޑިއާގައި ބަތަލާ ވަނީ ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

ކައިވެނީގެ ހަފްލާގައި ކަރަން ޖޯހަރު، މަނީޝް މަލްހޯތުރާ އަދި ދިއާ މިރްޒާ ބައިވެރިވިއިރު ޕަރިނީތީގެ ދެބޭންގެ ދެދަރި ޕްރިޔަންކާ ޗޯޕްޅާ އަކަށް ބައިވެރިއެއް ނުވެވުނެވެ. ސަބަބަކީ ޕްރިޔަންކާ މަސައްކަތުގައި އަވަދިނެތި އުޅޭތީއެވެ. ނަމަވެސް އެ ކައިވެނި ހަފްލާގައި ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްޅާ ވަނީ ބައިވެރިވެފައެވެ. ހަފްލާގައި ބައިވެރިނުވެވުނު ނަމަވެސް ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕަރިނީތީ އަށް މަރުހަބާ ކިޔާފައެވެ.

ޕަރިނީތީ އާއި ރާގަވް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެންމެ ފުރަތަމަ އަޑުއަރާފައިވަނީ މިދިޔަ މާޗު މަހު ރާގަވް އާއެކު ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅެނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް އާންމުވުމާއި ގުޅިގެންނެވެ. ޕަރިނީތީ އާއި ރާގަވް އަކީ ވަރަށް ކުރީއްސުރެ ވެސް ގާތް އެކުވެރިންނެވެ. މިދެމީހުން ލަންޑަނުގައި އެއްކޮށް ކިޔަވަން އުޅުމުގެ ތެރޭގައި ދިމާވެ އެކުވެރިވިއެވެ. އަދި އެންމެފަހުން އެ ގުޅުން ލޯތްބަށް ބަދަލުވެ އިއްޔެ އެންގޭޖްވެސް ކުރީއެވެ.