އެމްއެންޑީއެފްގެ ހުއްދަ ނެތި އުތުުރުތިލަފަޅުގައިވާ، އެމްއެންޑީއެފްގެ ސަރަހައްދަށް ވަންނަން ދިޔަރެސްގެ ނޫސްވެރިން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނެފައި ވަނީ އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސަފަވަރު ބަނދަރަށް ހުއްދަ ނެތި ވަދެ ވީޑިއޯކޮށް އާންމުކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އުތުރުތިލަ ފަޅަށް ހުއްދަނެތި ބަޔަކު ދިޔަ މައްސަލަ ސެޕްޓެމްބަރު 24 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށްވެސް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދާދި ފަހުންވެސް ނޫސްވެރިންގެ އެދުމުގެ މަތިން އެ ފަޅުގައި އެމްއެންޑީއެފްއިން ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކައިލުމަށް މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށެވެ.

އެހެންކަމުން ހުއްދަ ހޯދުމެއް ނެތި އެ ރަށަށް އަރަން މަސައްކަތްކުރުމަކީ ގާނޫނާއި ގަވާއިދާ ހިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގައިފައިވާ ދަށުދަރަޖައިގެ އަމަލެއްކަމަށެވެ، އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުން މަނާ ތަންތަން ކަމަށާއި އެފަދަ ތަންތަނަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތް ކުރާނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަަމަށެވެ.