ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާ އާއި އިނގިރޭސީން އަދި އީޔޫއާއި އޮސްޓްރޭލިއާގެ އިތުރުން ކެނެޑާއާިއ ޖަޕާން ހިމެނޭހެން ފަތުރަމުން ދިޔަ ދޮގާހެދި 'އެމްޕަރާ އޮފް ލައިސް' [ދޮގުހެދުމުގެ އެމްޕަޔާ] ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އޮތުމަށް އިޝާރާތް ކުރައްވާ، ހުޅަނގަކީ ދޮގުވެރިން ކަމަށް ސަރްގޭ ލްވަރޯވް ވިދާޅުވެއްޖެއެވެ.

އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރަޝިއާގެ ހާރިޖީ ވަޒީރު ވިދާޅުވީ، ހުޅަނގުން މަސައްކަތް ކުރަނީ ޒަމާނުންސުރެ އެމީހުންގެ ހުންނަ އަޅުވެތި ކުރުމުގެ ވިސްނުމުގެ ތެރެއިން 'ގްލޯބަލް ސައުތް' [އެފްރިކާ، ލެޓިން އެމެރިކާ، އަދި ކެރީބިއަން އާއި އޭޝިއާ] ގެ މައްޗަށް ހަންފަތުރަން ކަމަށެވެ. އެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި ހުޅަނގުން ފަތުރަނީ ދޮގު ކަމަށާއި އެއީ ޒަމާނުންސުރެ ދެމެމުން އަންނަ ދޮގު ހެދުމުގެ އެމްޕަޔަރުން ނުވަތަ ވަކިވެރިއަކު ހުރެގެން ހިންގަމުން އައި ރަސްކަމެއް ކަމަށެވެ.

ހަފްތާއަކަށް ދިގު ދެމިގެން ދާ އދ ގެ މަޖިލީހުގައި ރަޝިއާގެ އިތުރުން، ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީވެސް ބައިވެރިވެވަޑައިގެންފައި ވާ އިރު، ޔޫކްރައިން އިން އާއި ހުޅަނގުން މަސައްކަތް ކުރަމުން ދަނީ އޮޅުވާލުމާއި ދޮގު ހެދުމުގެ ތެރެއިން ދުނިޔޭގެ ބޮޑު ބައެއް ވާވައްދަމުން ކަމަށެވެ.

އެގޮތުން އެމެރިކާ އާއި ހުޅަނގުން ގެންދަނީ، އަނދަމުންދާ އަލިފާންގަނޑަށް ދަރުއަޅާ އަންދަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމީހުން މަސައްކަތް ކުރަނީ އެމީހުން ބޭނުންވާ ގޮތަށް މުޅި ދުނިޔެވެސް ލެނބެން، އެނބުރެން"
ލަވްރޯވް

ތަގުރީރަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޔޫކްރައިން އިން ހުށަހެޅި 10 ނުކުތާގެ ސުލްހައިގެ ޕްލޭނާއި ޔޫކްރައިންގައި އުފައްދާ ގޮދަނުގެ ބާވަތްތައް ކަޅުކަނޑުގެ ދޮރާށިތަކުން ބޭރުކުރުމަށް އެކަށައަޅާފައި ވާ އެގްރީމަންޓް އާ ކުރުމަށް އދ އިން ބާރުއަޅާ ހުށަހަޅާ ކަންކަމަކީ ކުރަން ފަސޭހަ އަދި ކުރެވިދާނެ ކަންމެއް ނޫން ކަމަށެވެ.

ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ، އދ އިން އެކަމަށް ބާރު އެޅިނަމަވެސް، ރަޝިއާއިން ޑިމާންޑް ކުރާ ކަންކަން ހުޅަނގުން ނުކުރާ ކަމަށެވެ. ގޮދަން މަޝްރޫއު ހުއްޓާލަމުން ރަޝިއާއިން ބުނެފައި ވަނީ، ހުޅަނގުން ހިފަހައްޓާފައި ވާ ރަޝިއާގެ ފައިސާ ދޫކުރުމާއި ދުނިޔޭގެ ޕޭމަންޓް ސިސްޓަމް 'ސްވިފްޓް' އަށް އަލުން ލުމަށެވެ. ނަމަވެސް ހުޅަނގުން އެކަމުގައި ދުލެއް ނުދެއެވެ.

ފެބްރުއަރީ 2022 ގައި ރަޝިއާއިން ޔޫކްރައިން އަށް އެރުމާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ހަކަތައިގެ އަގު އުފުލި، ދަނޑުވެރިކަމަށް ބޭނުންވާ ތަކެތީގެ އަގު ވަނީ އުފުލިފައެވެ.

މި މައްސަލަތަކުގެ ޒިންމާ، ލަވްރޯވް އެޅުއްވީ ހުޅަނގުގެ ބޮލުގައެވެ.