ގޭގައި ދިރިއުޅުން ބައްޓަން ނުކުރެވޭ ނުވަތަ އަޅާލުން ނުލިބޭ އަދި އަޅާލުން ހޯދަން އުނދަގޫ އިސްރަށްވެހިންނަށް ހާއްސަކޮށް ރަނގަޅު ފެންވަރުގެ "އޯލްޑް އޭޖް ހޯމް" އެއް ގާއިމް ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"އާސްކް މުއިއްޒު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިސްރަށްވެހިންނަކީ މުޖްތަމައަށް ވަރަށް މުހިންމު ބައެއްކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އިސްރަށްވެހިންނާ ދޭތެރޭގައި އެކަށީގެންވާ ކަހަލަ ޕޮލިސީތަކެއް ތަންފީޒުކުރެވިފައި ނުވާ ކަމަށެވެ.

"އޯލްޑް އޭގް ހޯމް" އަކީ ރާއްޖޭގައި އާންމު ކަމެއް ނޫން ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގޭގައި ދިރިއުޅުން ބައްޓަން ނުކުރެވޭ އިސްރަށްވެހިންނަށް މުއިއްޒުގެ ސަރުކާރެއްގައި ޕްރޮފެޝަނަލް މިންގަނޑުން ބެލެހެއްޓޭ ރަނގަޅު ނިޒާމެއްގެ ތެރެއިން އަޅާލުން ލިބޭނެ ރަނގަޅު "އޯލްޑް އޭޖް ހޯމް" އެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި އެއީ ވަރަށް ރަނގަޅަށް ކުރެވޭ ކަމެއް ކަމަށްވާނެ ކަމަށެވެ.

އެފަދަ "އޯލްޑް އޭޖް ހޯމް" އެއް ބިނާ ކުރަން ނިންމެވީ އެއީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ގަބޫލު ކުރެއްވޭތީ އެކަމާގުޅޭ ގިނަ މީހުންގެ ހިޔާލާ މަޝްވަރާ އެއްކުރުމަށްފަހުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަން ކުރިއަށް ގެންދާނީ ވަރަށްބޮޑަށް ދިރާސާ ކުރުމަށްފަހުގައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އަޅާލުން ނުލިބޭ އިސްރަށްވެހިން ބައިތިއްބާފައި ތިބެނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައެވެ. އެހެންނަމަވެސް މިފަދައިން އިސްރަށްވެހިންނަށް ހާއްސަ "އޯލްޑް އޭޖް ހޯމް" އެއް ތައާރަފް ކުރެވިގެން ދިއުމަކީ އިސްރަށްވެހިންނަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށް ވެގެންދާނެއެވެ.