ކޮންމެ އިންތިހާބަކާ ދިމާކޮށް ސިޔާސީ މަސްރަހު ހަލަބޮލިވެ އެތައް ކަމެއް ދިމާވެއެވެ. އެގޮތުން މި ދިޔަ ދެތިން މަހެއްގެ ތެރޭގައި ވެސް ގިނަ ކަންތައްތަކެއް ވަނީ ހިނގާފައެވެ. ސިޔާސީ ކަންކަަމުގައި ހައްދު ފަހަނައަޅާ ގޮސްފައި ވެސް އެބަހުއްޓެވެ. ފަޟީހަތް ކުރުމާއި އަރާރުންވެ ކުރިމަތިލުމާއި، ގަލާއި ލަޓިބުރިބުރި އުކާ މާރާމާރީ ހިންގުމާއި، ކިޔަން ނުވާ އެތައް އެއްޗެއްވެސް ކިޔަމުންދާ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ދިޔައިރު މިހާރު ސިޔާސީ ފޯރި ވަނީ އިހުނަށްވުރެ ގަދަވެފައެވެ. ފުރަތަމަ ބުރުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ލިބިފައި ނުވާއިރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރަށް މިހާރު ތައްޔާރު ވަމުން އަންނައިރު ކެމްޕެއިނަށް ދެން އޮތީ ހަފްތާއެއް ހާ ދުވަހެވެ.
ފުރަތަމަ ބުރުގައި ވެސް އެ ދެ ކެންޑިޑޭޓުންނަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު އެކި ރަށްރަށުން ނިކުމެފައި ވާއިރު ތަފާތު ގޮތް ގޮތަށް މަރުހަބާ ކިޔުމަކީވެސް ފެނިގެން ގޮސްފައި ވާ ކަމެކެވެ. ބައެއް ފަހަރު އިދިކޮޅު ކެންޑިޑޭޓާ ދެކޮޅަށް ބައެއް ރަށް ރަށުގައި ޝުއޫރުވެސް ފާޅުކޮށްފައި އެބަ ހުއްޓެވެ. އެގޮތުން ރައީސް ސޯލިހު ވަޑައިގެން ބައެއް ރަށްރަށުގައި އިދިކޮޅުން [ޕީޕީއެމް / ޕީއެންސީ] އިން އިހުތިޖާޖުތައް ކޮށްފައި ވާއިރު އެ އިހުތިޖާޖުތަކުގައި މައިގަނޑު ގޮތެއްގައި ގޮވާލަނީ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުން މިނިވަން ކުރުމަށެވެ. އަދި ރައީސް ސޯލިހު ވެވަޑައިގެން، ނުފުއްދަވާ ހުރި ވައުދުތަކުގެ ވާހަކަތައްވެސް އެ އިހުތިޖާޖު ތަކުގައި ފާހަގަ ކޮށް 'ޗޯރަށް' ވެސް ގޮވާހަދައެވެ.
އެފަދަ އިހުތިޖާޖު ތަކަށް ފުލުހުން ހުރަސް އަޅާތަންވެސް މީގެ ކުރިން ފެނިފައި ވާއިރު އެފަދަ އިހުތިޖާޖު ތަކަށް މާބޮޑު ސަމާލުކަމެއް އެއް އިރެއްގައިވެސް ވެރިއަކު ދިން މަންޒަރެއް ރާއްޖޭގެ ތާރީހުގައި ވެސް ފެނިފައެއް ނުވެއެވެ. ދައްކާ ވާހަކަތަކަށް ބެލުމެއް ނެތި ކުރިއަށް ދިއުމަށް ކޮންމެ ވެރިއަކު އަދި ކެންޑިޑޭޓެއްވެސް ބުނަމުން ދެއެވެ. އެހެންނަމަވެސް ޑރ. މުއިއްޒުގެ ފަރާތުން ފެނިގެންދަނީ އެއާ ތަފާތު ސިފައެކެވެ. އެތައް ބަޔަކު އެކަމާ ތަފްރީފް ކުރާ ފަދަ ރީތި މިސާލުތަކެވެ.
އެގޮތުން ފުރަތަމަ ބުރުގެ ކެމްޕެއިނަށް ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި ޑރ. މުއިއްޒު އެ އަތޮޅު ކެލައަށް ވަޑައިގަތުމުން އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ނިކުމެ ވަނީ އިހުތިޖާޖު ކޮށްފައެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އެޅުއްވުމުގެ ބަދަލުގައި އެ މީހުންގެ ކައިރިއަށް ވަޑައިގެން ޑރ. މުއިއްޒު އެމީހުންނާ ސަލާމް ކުރެއްވިއެވެ. އެ ވީޑިއޯ ސޯސަލް މީޑިއާގައި ވަރަށް ގިނައިން ދައުރުވިއިރު ގިނަ ބަޔަކު ވަނީ ޑރ. މުއިއްޒަށް ތައުރީފް ކޮށްފައެވެ. އަދި އެެއީ ޑިމޮކްރަސީގެ ރީތި ނަމޫނާއެެއްގެ ގޮތުގައި ގިނަ ބަޔަކު އެކަން ވަނީ ސިފަކޮށްފައެވެ.
މިހާރު ޑރ. މުއިއްޒު ނ، ރ، ބ، އަދި ޅ އަތޮޅަށް ކުރައްވާ ދަތުރުގައި ނ. ޅޮއްސަށް ވަޑައިގަތުމުން ވެސް އެމްޑީޕީއިން އިހުތިޖާޖު ކުރި މަންޒަރު ފެނުނެއެވެ. އަދި މުއިއްޒު ބަނދަރަށް ފައިބާ ވަޑައިގަތުމާ އެކު އިހުތިޖާޖުގެ ބައިވެރިން އެ ދިމާލަށް ދިޔަ ނަމަވެސް އެކަމަށް ސެކިއުރިޓީ އިން ވަނީ ހުރަސް އަޅާފައެވެ. މުއިއްޒު ވަޑައިގެންނެވީ އިހުތިޖާޖުގެ ބައިވެރިންނަށް ހިނިތުންވުމާއެކު އަތުން ހަނާއަޅުއްވާފައެވެ.
މިފަދަ ކޮންމެ ކަމެއް ހިނގަމުން ދާއިރު އެއިން ދޭހަވަނީ ޑރ. މުއިއްޒަކީ ވެރިކަމަށް ގާބިލު ބޭފުޅެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. ވެރިއެއްގެ ކިބައިގާ ހުންނަން ޖެހޭ އެންމެ މުހިއްްމު އެއް ސިފައަކީ އެއީ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މިއަދު ބ އަތޮޅު ހިތާދޫ އަށް ޑރ. މުއިއްޒު ވަޑައިގަތުމަށް ކައިރިވަމުން ދިޔައިރު ބަނދަރާ މާ ދުރުނޫން ހިސާބެއްގައި ހުރި އެމްޑީޕީގެ ޖަގަހައިން ޖަހަމުން ދިޔައީ ރައީސް ސޯލިހުގެ ލަވަތަކެވެ. އަދި މުއިއްޒު ބަނދަރަށް ފައިބާ ވަޑައިގަތުމާ އެކު، މައިކުން ގޮވަމުން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި އިހުމާލު ވެފައިވާ ކަމަށާއި ރައީސް ޔާމީނާއި މުއިއްޒަށް ވެސް ތާއީދު ނެތް ކަމަށެވެ. އެހެންނަމަވެސް އެ ވާހަކަތަކާއި އަޑުތަކަށް ބެއްލެވުމެއް ނެތި މަރުހަބާ ކިޔަން ނިކުމެ ތިބި މީހުންނާ ސަލާމް ކުރެއްވުމަށް ފަހު މުއިއްޒު ފުރަތަަމަވެސް ވަޑައިގެންނެވީ އެމްޑީޕީގެ ޖަގަހައަށެވެ. އެ ޖަހަގައަށް ވަޑަައިގެން އެތަނުގައި ތިބި އެމްޑީޕީގެ މެންބަރުންނާ މުއިއްޒު ވަނީ ސަލާމް ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެ ދެއްކި އެ ނަމޫނާއާއެކު އެ ޖަގަހައިން ގޮވަމުން ދިޔަ އެއްޗެހިތައް ވަނީ ހުއްޓާލާފައެވެ.
މުއިއްޒުގެ އެ ކެރިވަޑައިގަތުމާއެކު ހިތާދޫގެ ރައްޔިތުންވެސް ތިބީ ފަހުރުވެރި ވެފައެވެ. އެންމެންވެސް ދައްކަމުން ދިޔައީ އެ ވާހަކައެވެ.
އެމްޑީޕީއިން އިހުމާލުގެ ވާހަކަ ދެއްކުމާއެކު، އެ ވާހަކަ ސާފުކޮށްލަށް އެ ރަށުގެ މީހަކު ކުރެން ސުވާލު ކޮށްލީމައި އެ މީހާ ބުނީ އިހުމާލުވެފައި ވަނީ ރައީސް ސޯލިހުގެ މި ދައުރުގައި ކަމަށާއި ހިތާދޫގެ ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށެވެ.
މުއިއްޒަށް މަރުހަބާ ކިޔަން އެ ރަށުގެ ގިނަ ބަޔަކު ނިކުމެ ތިބިއިރު ފެނިގެން ދިޔައީ މިދިޔަ ބުރުގެ އެރަށުގެ ނަތީޖާ ބަދަލުކޮށްލާނެ ކަމުގެ ފެހި ސިގްނަލެވެ. މިދިޔަ ބުރުގައި 12 ވޯޓުގެ ތަފާތަކުން މުއިއްޒަށް ހިތާދޫ އިން މެޖޯރިޓީ ވަނީ ގެއްލިފައެވެ. އެގޮތުން އެ ބުރުގައި 165 ވޯޓު މުއިއްޒަށް ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހު ވަނީ 177 ވޯޓު ހޯއްދަވާފައެވެ.