ބ. ހިތާދޫ އާއި ބ. ގޮއިދޫގެ ހެލްތް ސެންޓަރު އަޕްގްރޭޑް ކޮށްދެއްވައި އެ ރަށްރަށުގެ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކޮށް ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެްޖެއެވެ.

އިއްޔެ ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކެމްޕެއިންގައި ވަޑައިނުގަންނެވުނު ދެ ރަށަށް ކަމަށް ވާ ހިތާދޫ އާއި ގޮއިދުއަށް ވެސް ކަންކަން ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ބ. ހިތާދޫގެ ބިން ހިއްކައި އެރަށުގެ ސްކޫލްގެ ޖާގަ އިތުރުކޮށް ހެލްތް ސެންޓަރު ވެސް އަޕްގްރޭޑް ކުރައްވާނެ ކަމަށެވެ.

ހިތާދޫގެ ހެލްތް ސެންޓަރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެތަނުގައި އެކްސްރޭ ނެގޭނެ ގޮތެއް ނެތް ކަަމަށާއި މާބަނޑު މީހުންނަށް ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން އެ ރަށުގެ ސްކޫލް އެކްސްޕޭންޑް ކުރުމުގެ މަޝްރޫއަކާއި ހެލްތް ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅެވޭނެ ނިޒާމެއް ވެސް އެ ރަށުގައި ގާއިމް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ގޮއިދުއަށް ބަލާ އިރު، އެ ރަށަކީ ސްޓްރެޓެޖިކަލީ ވަރަށް މުހިއްމު ތަރައްގީގެ މަސައްކަތްތަކެއް ހިންގިދާނެ ރަށެއް ކަމަށެވެ. ފުޅަދޫ އާއި ފެހެންދޫ އާ އެކީގައި ގުޅާލައިގެން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ގެނެވޭނެ ކަމަށާއި އެ ވިސްނުމަށް ބަލާނަމަ އެއީ މުސްތަގްބަލް ވެސް އޮތް މަސައްކަތެއް ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ވެރިކަން ލިބިވަޑައިގެންފި ނަމަ ގޮއިދުއަށް ކޮށްދެއްވާނެ ކަންކަން ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އެ ރަށަކީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ރަށެއް ކަމަށެވެ. މި ސަރުކާރުން ރަށް ގިރުމުގެ މައްސަލަ ހައްލުކޮށް ދިނުމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކެމްޕެއިން ދަތުރުގައި 60 ރަށަކަށް ވަޑައިގެންފައިވާ އިރު އެންމެ އާންމު މައްސަލައެއްގެ ގޮތުގައި ރަށުގެ ރައްޔިތުން ފާހަގަ ކޮށްފައި ވަނީ ރަށްގިރުމުގެ މައްސަލައާއި، ކުނި މެނޭޖްކުރުމުގެ މައްސަލައާއި ހެލްތް ސެންތަރުތައް ވީރާނާ ވަމުންދާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ގޮއިދޫގެ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި އެ ރަށުގެ ހެލްތް ސެންޓަރުގެ ޖާގަ އިތުރުކޮށް މުވައްޒަފުން އިތުރުކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު އެރަށުގެ ހާބަރު ބަނދަރު ހަދައި ދިނުމާއި ފުޓްބޯޅަ ދަނޑު ތަރައްގީ ކޮށް ދިނުމާއި ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކޮށް ދިނުމަކީ މުއިއްޒު ވެވަޑައިގެން ވައުދުތަކެވެ.

މުއިއްޒު ބ. ކުޑަރިކިއްޔަށާއި އޭދަފުއްޓަށް ވަޑައިގެން އެ ރަށްރަށަށް ކޮށްދެއްވާނެ ކަންކަން ވަނީ ހިއްސާ ކުރައްވާފައެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއަދު އެ އަތޮޅުގެ ދަރަވަންދޫ އާއި ތުލާދުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާއި އެ ރަށްރަށަށް ކޮށްދެއްވާ ކަންކަން އެ ރަށްރަށަށް ވަޑައިގެން ހިއްސާ ކުރައްވާނެ ކަމަށެވެ.