ޕީއެންސީގެ ސަރުކާރެއްގައި 3 ހާލަތެއްގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑަކީ ވަޒީފާއިން މުސްކުޅިވާ ދުވަހު ހަރަދުކުރުމަށް ރައްކާކުރެވޭ ފައިސާއެއް ކަމަށާއި ޕެންޝަން ފަންޑަކީ ފަސޭހައިން ނެގޭގޮތަށް އޮންނަ ފަންޑަކަށް ހަދައިފިނަމަ ރިޓަޔާމެންޓަށް ދާއިރު އެމީހާ ބޭނުން ކުރާނެ ފައިސާއެއް ނުހުންނާނެ ކަމަށެވެ.
ޕެންޝަން ފަންޑަކީ ޖަމާކުރާ ފައިސާ ރިޓަޔާ ވާއިރު ނެގޭގޮތަށް އޮންނަ އެއްޗެއް ގޮތުގައި އޮތް އޮތުމުގެ ބަދަލުގައި ގެދޮރު ބިނާކުރުމާއި، ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމާއި ކުދި އަދި މެދު ފަންތީގެ ކޮންމެވެސް ކަހަލަ ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށް އެ ފަންޑުގެ ފައިސާއިން ވަކި ވަރެއް ބޭނުން ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ. އަދި އެކަން ކުރެވޭނީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ގާނޫނީ އެ ބަދަލާއެކު އެ މީހެއްގެ ޕެންޝަން ފަންޑަށް ވަކިވަރަކަށްވުރެ ބޮޑު އަދަދެއް ޖަމާވެފައި ހުރެއްޖެނަމަ އެ 3 ކަމަށް ފައިސާ ނެގޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ގާނޫނުގެ ތެރެއިން މިހާރުވެސް އެޕާޓްމަންޓެއް ގަތުމަށް އަދި ފުރަތަމަ ފަހަރު ހައްޖަށް ދިއުމަށް ކޮންމެސް ވަރަކަށް ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވުނު ނަމަވެސް އެއީ އެހާ ފަސޭހައިން ހަމަޖެހޭ ކަމެއް ނޫންކަން ވެސް މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
މިހާރު ޕެންޝަން ފަންޑުގަ 20 ބިލިއަން ރުފިޔާ ޖަމާވެފައި ހުރިކަން ފާހަގަ ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން އެކިކަހަލަ ކަންކަމަށްވެސް ޕެންޝަން ފަންޑުގެ ބޭނުން ހިފާ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ޕެންޝަން ފަންޑު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވޭނެ ގޮތްތައްވެސް އެބަހުރި ކަމަށާއި އެ ފަންޑަށް އިތުރަށް ފައިސާ ވަންނާނެ ގޮތްތައް ހޯދަމުން އިންވެސްޓްމަންޓް ތަކަށް އެ ފުރުސަތު ދެމުން ވަކިވަރަކަށް ވުރެ ގިނައިން ޖަމާވެފަ ހުރިނަމަ އެ ފުރުސަތު ދިނުމަކީ އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅިފައޮތް ކަމެއް ކަމަށެވެ. އަދި އެކަމުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި، އޭރުން ރިޓަޔާމަންޓަށް ފަހުވެސް ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެން ދާނެ ކަމަށެވެ.
ކޮބާ ފަރުޞު ހައްޖު،