މެއި 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގެ މައްސަލައިގައި އެމަނިކުފާނަށް އިންސާފު ހޯއްދަވައި ދެއްވާނީ ޕީއެންސީގެ ސަރުކާރެއްގައި ކަމަށް ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މިރޭ ޕީއެންސީގެ ފަރާތުން މާފަންނު ކަންމަތީ ޖަލްސާގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި މި ސަރުކާރުން އެމަނިކުފާނަށް އިންސާފު ހޯދައި ދީފައި ނުވާ ކަމަށެވެ.

"މި ގައުމަށް ހަމަޖެހުން އަންނަން އެބަ ޖެހޭ. ހަމަޖެހުން އަންނާނީ އަދުލުވެރިކަން އިސްތިސް ކުރެވިގެން. އިންސާފުވެރިކަން ހަގީގީ މާނައިގައި ފޯރުކޮށްދޭން އެބަ ޖެހޭ."
ޑރ. މުހައްމަދު މުއިއްޒު

މި ގައުމަށް ހަމަޖެހުން ގެންނަން ޖެހޭ ކަމަށާއި އިންސާފުވެރިކަން ވެސް އޭގެ ހަގީގީ މާނައިގައި ފޯރުކޮށް ދޭން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަޝީދަށް ދިން ހަމަލާ އާ ގުޅީގެން މި ސަރުކާރުން އެކަމަށް ދޭން ވާ ސަމާލުކަން ދީފައި ނުވާ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އިންސާފުވެރި ސަރުކާރެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ވެސް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މެއި 6، 2021 ގެ ރޭ ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް، އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ. އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.

ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި މައްސަލާގައި ދައުލަތުން މިހާރު ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.