މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރު އާއި ގޯވިންދާގެ ހެއްވާ މަޖާ ލޯބީގެ ފިލްމު 'ހީރޯ ނަމްބަރު-1' ގެ ސީކުއަލްއެއް އުފައްދަން ތައްޔާރުވަމުން އަންނައިރު މި ފިލްމުން ރިތިކް ރޯޝަންގެ ބޮޑު ބޭބެ އަދި ކުޅަދާނަ މިއުޒިކް ކޮމްޕޯސަ ރާޖޭޝް ރޯޝަންގެ ދަރިފުޅު ޕަޝްމިނާ ރޯޝަންވެސް ފެނިގެން ދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ކަރިޝްމާ ކަޕޫރު އާއި ގޯވިންދާގެ 'ހީރޯ ނަމްބަރު-1' ސީކުއަލްއެއް އުފައްދަން ނިންމާ، ފިލްމުގެ ޑައިރެކްޓަރު ޖަގަން ޝަކްތީ، މި ފިލްމުގެ ވާހަކަ އިއުލާން ކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަސްތެރޭގައެވެ.
ބަތަލާ ޕަޝްމިނާ ރޯޝަންގެ އިތުރުން، ޓައިގާ ޝްރޮފް އާއި ސާރާ އަލީ ހާން ފެނިގެން ދާ މި ފިލްމަކީ ސައިންސް ފިކްޝަންވެސް ހިމެނޭގޮތަށް އުފައްދާ އެކްޝަން ފިލްމެކެވެ. "އިޝްގް ވިޝް ރީބައުންޑް" އިން ބޮލީވުޑަށް ތައާރަފްވި ޕަޝްމިނާ މި ފިލްމުގެ ޓީމާ 2024 ވަނަ އަހަރު ޖަނަވަރީ މަހު ގުޅުމަށް ހަމަޖެހިފައިވާއިރު، މި ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ނެގުމަށް ނިންމާފައިވަނީ ލަންޑަނުގައެވެ. މިހާރުވެސް މި ފިލްމުގެ ބައެއް އެކްޝަން މަންޒަރުތައް ޓައިގާ ޝްރޮފް ވަނީ ނަގާފައެވެ.
1990 ގެ އަހަރުތަކުގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މި ފިލްމުގެ ޑައިރެކްޓަރު ޖަގަން ޝަކްތީ ބުނީ މިފަހަރު އުފެއްދުމަށް ތައްޔާރު ވަމުންދާ ހީރޯ ނަމްބަރު-1 އަކީ ގޯވިންދާ އާއި ކަރިޝްމާގެ ފިލްމުގެ ރިމޭކެއް ނޫންކަމަށެވެ. އެހެންނަމަވެސް ކުޑަ ބަޖެޓަކުން އުފެއްދި ކަރިޝްމާ އާއި ގޯވިންދާގެ ފިލްމަށް ލިބުނު ފަދަ ކާމިޔާބީއެއް މި ފިލަމަށްވެސް ލިބިގެންދާނެ ކަމަށް ޖަގަން ޝްކްތީ ވަނީ ބުނެފައެވެ.