ދެހާސް ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ދަޅްކަން" ގެ ދެވަނަ ބައެއް ގެންނަން އުޅޭކަން ހާމަވެއްޖެއެވެ.

ކުޅަދާނަ ތަރިން ކަމަށްވާ ޝިލްޕާ ޝެޓީ، ސުނިލް ޝެޓީ އަދި އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދިޔަ މި ފިލްމަކީ އެއަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ޑައިރެކްޓަރު ދަރުމޭޝް ދަރުޝަން މީގެ 23 އަހަރު ކުރިން ގެނެސްދިން މި ފިލްމުގެ ދެވަނަ ބައެއް ގެންނަން އުޅޭކަން އިއުލާންކުރުމާއެކު ގިނަ ފޭނުންނެއް އަންނަނީ ފިލްމުގެ ކާސްޓާ ގުޅޭގޮތުން ސުވާލުކުރަމުންނެވެ. ދަރުމޭޝް ބުނީ މި ފިލްމުގެ ދެވަނަ ބައެއް ހަދަން އުޅޭތާ ލައްކަ ދުވަސްވެއްޖެ ކަމަށާއި، އެކަމަށް ޕްރޮޑިއުސަރު ރަތަން ޖެއިން ވެސް އެދޭތާ ދުވަސްގަނޑެއް ވެއްޖެކަމަށެވެ. މި ފިލްމުގެ ދެވަނަ ބައި ހަދަން ނިންމީ ފަހަކަށް އައިސް ކުރީގެ ގިނަ ފިލްމުތަކެއްގެ ސީކުއަލެއް ހަދައި، އެ ފިލްމުތަކަށް ލިބޭ ތަރުހީބަށް ބެލުމަށްފަހު ކަމަށް ވެސް ދަރުޝަން ވަނީ ބުނެފައެވެ. އޭނާ ބުނީ މިހާރު ރަތަން އާއެކު ފިލްމު ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ފިލްމުގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ތިން ކޮންސެޕްޓެއް އެބައިން ކަމަށެވެ. އޭގެތެރެއިން އެންމެ ރަނގަޅު ކޮންސެޕްޓެއް ވިސްނުމަށްފަހު ހިޔާރުކުރާނެ ކަމަށާއި ފިލްމުގެ ކާސްޓާ މެދު ވިސްނާނީ ފިލްމުގެ ބައެއް ކަންކަން ނިންމުމަށްފަހު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފިލްމުގައި އަންޖަލީ (ޝިލްޕާ) އާއި ދޭވް (ސުނިލް) އަކީ ލޯބިވެރިންނެވެ. އެދެމީހުން ކައިވެނިކުރަން ނިންމާ އާއިލާ އަށް އެނގި ނަމަވެސް އަންޖަލީގެ އާއިލާ އިން ބޭނުންވީ އޭނާ ރާމް (އަކްޝޭ) އާ ކައިވެނިކުރުވުމަށެވެ. އަދި ގަދަ ކަމުން އެކަން ކުރުވިއެވެ. އޭގެ އަހަރުތަކެއް ފަހުން އަންޖަލީ އާއި ދޭވް ދިމާވެ ކުރީގެ ހަނދާންތައް އާކުރެއެވެ. ނަމަވެސް އޭރު އަންޖަލީ، ރާމް ދެކެ ލޯބިވާން ފަށައެވެ.