ރާއްޖޭގެ އިގްތިސޯދު އޮތީ އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި އިގްތިސޯދު ނަގާ ކޮޅަށްޖަހަން 24 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް. ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އދ. ހަންޏާމީދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން ގާތަށް ދަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ކަމަށާއި ރައްޔިތުންގެ އަޑުއަަހައިގެން ބޭނުންވާ ކަންކަމުގައި ކުލަ ޖައްސައިދީ އެކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އެކަންކަން ކުރުމުގެ އަޒުމާއި ވިސްނުމުގައި އެކަންކަން ކުރާނެ ގޮތާއި އެކީގައި ކަމަށާއި ރެއާއި ދުވާލު 24 ގަޑިއިރު ހަރަކާތްތެރިވާ ސަރުކާރެއް ހިންގަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޮމަދޫގައި ވެސް މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި ވެރިކަން ބަދްލުވެއްޖެނަމަ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ބުނެ ޝައްކު އުފައްދަމުންދާ ކަމަށާއި އެއީ އެއްވެސް ހަގީގީ ވާހަކައެއް ނޫން ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ކަންކަަމަށް އިސްކަން ދީގެން ކަމަށާއި އޮމަދޫގައިވެސް ފެށިފައި ހުރި މަޝްރޫއުތައް ވެސް ރައްޔިތުން އެދޭ ބަދަލުތަކާއެކު ކުރިއަށް ގެންގޮސް ނިންމާލަދެއްވަނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޮމަދޫގެ އިހުތިސޯސްގެ ތެރޭގައި ހިމެނުމަށް އެ ރަށާ ކައިރީގައި އޮތް ތިން ފަޅެއްގެ ވާހަކަ ހިމަނާފައިވާ ކަމަށާއި އެ ފަޅުތައް ހިމަނައިގެން ތަރައްގީކޮށް އިންޑަސްޓްރިއަލް ޒޯނަކާއި ކުނި މެނޭޖްކުރެވޭނެ ސަރަހައްދު ކަނޑައެޅުމާއި އޮޑިދޯނި ފަހަރު އެހެލާ މަރާމާތު ކުރުމާއި ޒުވާނުންނަށް ވަޒީފާ ލިބޭނެ ފުރުސަތުތަކެއް ހިމަނާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ވިސްނުންތެރި އަދި ތަސަވަރު ހިމެނޭ ޕްލޭނެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ.

"ވަރަށް ވިސްނުންތެރި އަދި ވިޝަނަރީ ޕްލޭނެއް އަޅުގަނޑަށް ވަރަށް ކަމުދޭ މި ވިސްނުން"
ޑރ. މުއިއްޒު

އެ ފަޅުތަކުގެ ހާލަތު އޮތް ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި މި ސަރުކާރުން ވަރަށް ގިނަ ފަޅު، ފަރު އަދި ރަށްތައް މީހުންނަށް ދީ ހުސްކޮށްފައިވާ ކަމަށް މުއިއްޒު ވިދާލުވިއެވެ. އަދި އޮމަދޫއިން ހުޅައެޅި ހުށަހެޅުމަށް ތާއީދުކުރައްވާ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އޮމަދޫގެ ސްކޫލް ޖާގަ އިތުރުކޮށްދިނުމާއި ސްޕޯޓްސް ފެސިލިޓީއެއް ގާއިމު ކޮށްދިނުމަކީވެސް ކޮށްދެއްވާނެ ކަންތައްތައް ކަމަށެވެ.