ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިލެކްޝަން ކޮމިޝަންގެ މައްސަލަތައް ފާހަގަކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ 'ބާތިލް ވޯޓޭ ކިޔަން ޖެހޭ ސަބަބެއް ނެތް' ކަމަށް އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ރޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގައި މާރިޔާ ވަނީ އުމުރުން ދުވަސްވީ މީހުންނަށް ވޯޓު ލެވެނީ ކޮން ގޮތަކަށް ކަން ޔަގީންކުރުމަށްޓަކައި ފާހަގަ މަތީގައި ފާހަގަ ޖެހުމުން އެ ވޯޓު ބާތިލް ކޮށްފައިވާ ކަމަށާއި އިންތިހާބުގެ އިންތިޒާމްތައް ވެސް ހުރީ ވަރަށް ގޯސް ކޮށް ކަމަށް ވިދާޅުވެފައެވެ. އަދި މި އިންތިހާބު ބާތިލު ކުރާ ވަރަށް ބާތިލު ވޯޓު އެބަހުރި ކަމަށް ވެސް މާރިއާ ރޭ ވިދާޅުވިއެވެ.

މާރިޔާގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ފުވާދު ވިދާޅުވެފައި ވަނީ، ބާތިލް ވޯޓަށްވުރެ 1 ވަނަ އާއި 2 ވަނަ އާ ދެމެދުގެ ފަރަގު ބޮޑު ކަމަށާއި، ހަމައެފަދައިން 2 ވަނަ އާއި 3 ވަނަ އާ ދެމެދުގެ ތަފަަތުވެސް ބާތިލު ވޯޓަށް ވުރެ ގިނަ ކަމަށެވެ. އެހެންކަމުން އެހެން ވިދާޅުވެ އަޑުގަދަކުރައްވަންވީ ސަބަބެއް ނެތް ކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދުގެ މި ރައްދަށް މާރިޔާވެސް ވަނީ ރައްދެއް ދެއްވާފައެވެ. މާރިޔާ ވިދާޅުވީ، ރައްޔިތު މީހާގެ ވޯޓަކުން ބަސް ބުނުމަކީ ރައްޔިތު މީހާގެ އަސާސީ ހައްގެއް ކަމަށެވެ. ފުވާދު ދެއްކެވި ވާހަކައަށް ތާއީދު ނުކުރައްވާ ކަން ފާހަގަ ކުރައްވަމުން މާރިޔާ ވިދާޅުވީ، ލާ ވޯޓުން ނަތީޖާ ކަނޑައެޅުމަކީ ފަރުދީ ހައްގެއް ކަމަށާއި އެއީ ކަލެކްޓިވް [ގުޅިގެން] ދޭ ހައްގެއް ނޫން ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ

މީގެ އިތުރުން މާރިޔާ ދެއްކެވި ވާހަކައިގައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް ވީލް ޗެއާއެއް ވެސް ނެތް ކަމަށާއި އިށީންނާނެ ތަންކޮޅެއް ނެތް ކަން ފާހަގަ ކުރައްވާފައެވެ. މިކަމާ ގުޅިގެން ފުވާދު ވިދާޅުވީ، ރާއްޖޭގައި ބޭއްވި އިންތިހާބުތަކަށް ބަލާއިރު، ތާރީހުގައި ވެސް ވޯޓުލާ މީހުންނަށް ވީލް ޗެއާ ދީފައި ނުވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ގޮސްފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ބެހޭ ގޮތުން އިލެކްޝަން އޮބްޒަވޭޝަން މިޝަން (އީޔޫ އީއޯއެމް) އިން ބުނެފައި ވަނީ މުވައްޒަފުންނާއި ފައިސާގެ ދަތިކަމާއެކު ވެސް އިންތިހާބުގެ އިދާރީ ހިންގުންތެރިކަން ވަރަށް ރަނގަޅު ކަމަށާއި އެހެންނަމަވެސް ވޯޓުލާ މީހުން ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ.

އެގޮތުން ގާނޫނުން ލާޒިމްކުރާ ސުންގަނޑިތަކަށް އަމަލުކޮށް، ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމު ތަކަށް ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ. އަދި ވޯޓުލާ މީހުން ރަޖިސްޓަރީ ކުރުމުގެ ކަންތައް ދިޔައީ ދެފުށް ފެންނަ ގޮތަށް ކަމަށާއި ކެންޑިޑޭޓުން ރަޖިސްޓަރީ ކުރުމުގެ ކަންކަން އީސީ އިން ގެންދިޔައީ ވެސް ރަނގަޅަށް ކަމަށް ބުނެފައި ވެއެވެ.