"ޕަތާން" ގެ ބޮޑު ކާމިޔާބީ އަށްފަހު ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން މިހާރު ފެނިގެންދާ ފިލްމު "ޖަވާން" އަށް ވެސް ބޮޑެތި ކާމިޔާބީތަކެއް ލިބެމުން އެބަދެއެވެ.

ފިލްމު "ޖަވާން" އެޅުވިތާ ތިން ދުވަސްވެފައިވާއިރު އެ ފިލްމު ވަނީ މިހާތަނަށް ގިނަ ރެކޯޑުތަކެއް މުގުރާފައެވެ. އެގޮތުން މި ފިލްމު ދުނިޔޭގެ އެކި ހިސާބުތަކުގައި އަޅުވައިގެން ތިން ދުވަސްތެރޭ ވަނީ 384 ކުރޯޑު (46 މިލިއަން ޑޮލަރު) ގެ އާމްދަނީ އެއް ލިބިފައެވެ. އެނަލިސްޓުން ބުނާގޮތުގައި މި ފިލްމަށް ޝާހުގެ "ޕަތާން" އަށް ލިބުނު އާމްދަނީ 130 މިލިއަނަށް ވުރެ ގިނައިން ލިބިގެންދާނެ ކަމަށެވެ. މި ފިލްމު ހަފްތާ ބަންދުގައި އަޅުވައިގެން އެކަނިވެސް ފިލްމަށް ވަނީ 5.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އެއާއެކު މި ފިލްމުވެގެން ގޮސްފައިވަނީ އިންޑިއާގައި އެޅުވި ފިލްމުތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ބޮޑު އޯޕަނިން އެއް ހޯދި ފިލްމަށެވެ. އެންމެ ބޮޑު އޯޕަނިން އާމްދަނީ އެއް ލިބުނީ ބާހުބަލީ އަދި އާރްއާރްއާރް އަށެވެ. ނަމަވެސް "ޖަވާން" އަކީ ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އޯޕަނިން އާމްދަނީ ހޯދި ފިލްމެވެ.

މި އަހަރަކީ ޝާހްރުކް ހާން އަށް ވަރަށް ކާމިޔާބު އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރު އެކްޓަރުގެ ފުރަތަމަ ފިލްމު "ޕަތާން" އަށް ޖުމްލަ 130 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބުނުއިރު މިހާރު ސިނަމާގައި އަޅުވާފައި އޮތް "ޖަވާން" އަށް ވެސް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ލިބެމުންނެވެ. މި ފިލްމަށްފަހު ޝާހުގެ އެއް ފިލްމު މިއަހަރު އަދި ފެންނާނެއެވެ. އެއީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށް ތާޕްސީ ޕަންނޫ އަދި ވިކީ ކޯޝަލް އާއެކު ޝާހު ފެނިގެންދާ ފިލްމު "ދުންކީ" އެވެ. ކެނެޑާ، ނިއުޔޯކް އަދި ސައުދީ އަރަބިއާގައި ޝޫޓްކޮށްފައިވާ މި ފިލްމު އާންމުންނާ ހަމައަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.