ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން 2 މީހަކު ފިޔަވާ އެހެން އެންމެން ފަރުވާއަށް ފަހު ދޫކޮށްލާފައި ވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ 20:09 ހާއިރު ހުޅުމާލެ ފަޅަށް ވަންނަ ސަރަހައްދުން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި ލިއޯ ޓްރޭޑިންގެ ލޯންޗުން ދަތުރުކުރި 8 މީހުންގެ ތެރެއިން 5 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި ޖޯއީ އައިލެންޑްގެ ލޯންޗުގައި 13 ފަތުރުވެރިންނާއި 3 ފަޅުވެރިން ތިބިކަމަށާ އެ ލޯންޗުން ދަތުރުކުރި މީހުންނަށް ލިބިފައި ވަނީ ކުދިކުދި ޒަހަމްތަކެއް ކަމަށެވެ.

މި އެކްސިޑެންޓުގައި ދެ ލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބާ ކްރާފްޓުން އަދި މެރިން ޕޮލިހުންވެސް ވަނީ މި ހާދިސާގެ ހަބަރު ލިބުމާއެކު ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކު ގެއްލިފައެއް ނުވެއެވެ.