ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ލޯޔަރު އާދަމް އާސިފް އަދި ޕީޕީއެމްގެ މަގުމަތީ ހަރަކާތްތަކުގެ އިސްކޮށް ހަރަކާތްތެރިވާ އެއް އެކްޓިވިސްޓު ލޯޔަރު މުހައްމަދު ހަމްޒާ ޕީޕީއެމްއިން ވަކިވެ އެމްޑީޕީއާ ގުޅިއްޖެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނަ އާސިފްގެ މެންބާޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހިންގި ހަރަކާތްތަކުގައި އާސިފް ވަނީ އިސް ސަފުގައި ހަރަކާތެރިވެފައެވެ. އަދި ހަމައެއާއެކު ޕީޕީއެމްގެ މުޒާހަރާތަކުގައި ހައްޔަރުކުރި އެ ޕާޓީގެ މީހުން މިނިވަން ކުރުމަށް ވެސް އަސީފް ވަނީ މަސައްކަތް ކޮށްފައެވެ.

ޕީޕީއެމް ދޫކޮށް އެމްޑީޕީއާ ގުޅުމުން އެމްޑީޕީއިން އާސިފްއަށް މަރުހަބާ ކިޔާފައި ވާއިރު ޕީޕީއެމް ދޫކުރި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަށް އެމްޑީޕީ ވާއިރު އެ ޕާޓީގައި 58،000 އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ.